10 އޮކްޓޯބަރ 2020 - 12:58

ކޮލަމްބޯ (އޮކްޓޯބަރު 10) - ކޮވިޑް-19 އަށް ސްރީ ލަންކާ އިން ފަތްޕިލާވެލީގެ ބޭހެއް އުފައްދާފައިވާ ކަމަށް އެ ގައުމުގެ އިންޑިޖިނަސް މެޑިސިން މިނިސްޓްރީން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަ އޮފް އިންޑިޖިނަސް މެޑިސިން ޕްރޮމޯޝަން، ސިސިރާ ޖަޔަކޮޑީ ވިދާޅުވީ ޑިޕާޓްމަންޓް އޮފް އަޔޫވެދިކް އަދި އަޔޫވެދިކް ޑްރަގްސް ކޯޕަރޭޝަން ގުޅިގެން ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިމިއުނައިޒިން ޑްރިންކެއް (ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ބުއިމެއް) އަދި ޕައުޑަރެއް އުފައްދާފައި ކަމަށެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި ހުރިހާ ބޭހެއް ވެސް އުފައްދާފައި ވަނީ މުޅިން ވެސް ފަތްޕިލާވެލި ބޭނުންކޮށްގެން ކަމަށެވެ.
ލަންކާ އިން އުފެއްދި ފަތްޕިލާވެލީގެ ބޭސް އިއްޔެ ވަނީ ޕާލަމެންޓުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރްދަނާ އަށް އަރުވައިފަ އެވެ. ރަސްމީކޮށް އެ ބޭސް ލޯންޗް ކުރާނީ މި މަހު 12 ވަނަ ދުވަހު އެވެ.
ލަންކާގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ ހުޅަނގުގެ ގައުމުތަކަށް ވެސް ކޮވިޑް-19 އަށް އަދި ފަރުވާއެއް ހޯދިފައި ނުވާ ކަމަށާއި އޭގެ ގެއްލުން ތަރައްގީވެފައިވާ ގައުމުތަކަށް ވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން ހައްލު ކުރެވޭނެ ފަދަ ބޭހެއް އުފެއްދުމުގެ ގާބިލްކަން ލަންކާގެ އިންޑިޖިނަސް މެޑިސިން މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.