10 އޮކްޓޯބަރ 2020 - 14:02

ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން މީހަކު ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އޭނާއަށް އަަލުން ވަޒީފާދޭން ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ކުރި އަނިޔާތަކެއްގެ ސަބަބުން މަރުވި މައްސަލާގައި ވ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އިބްތިހާލަށް ރައްކާތެރިކަން ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އޭނާ އިހުމާލުވި ކަމަށް ބުނެ އެވެ. އެކަމަކު ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އަލުން އޭނާއަށް ވަޒީފާދޭން ދޭންޖެހޭނެ ކަމަށެވެ.
އެ ހުކުމް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އިބްތިހާލަށް އޭނާގެ މަންމަ އަނިިޔާކުރި މައްސަލާގައި ވަކި ގޮތަކަށް އަމަލު ކުރަން އެ މުވައްޒަފަށް އިރުޝާދެއް ދީފައި ނެތް ކަމަށެވެ. އަދި އޭނާއަކީ އޭރު އަލަށް އެ ވަޒީފާ އަދާކުރަން ފެށި މީހަކަށް ވާއިރު އެފަދަ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ އެއްވެސް އިރުޝާދެއް ނުވަތަ ތަމްރީނެއް އޭނާއަށް އޭރު ދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އިިބްތިހާލަށް އަނިޔާކުރި މައްސަލަ ފުރަތަމަ އެ ސެންޓަރަށް ހުށަހެޅުނުއިރު، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން އަދި ހުށަހެޅޭ މައްސަލަތަކާ މެދު އަމަލު ކުރަންޖެހޭ އެއްވެސް ކަމެއް އޭނާއަށް ބުނެދީފަައެއް ނުވެ އެވެ. އަދި އޭނާގެ މަތިން ހުރި މުވައްޒަފު ވެސް އިބްތިހާލްގެ މައްސަލާގައި އަމަލު ކުރަންވީ ގޮތެއް ބުނެދީފައި ނެތް ކަމަށާއި އެހެންވެ، އޭނާ ވަޒީފާގެ ޒިންމާތަކަށް އިހުމާލުވީ ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ ހައްސާސީ މަސައްކަތެއް ހަވާލުކުރާ މުވައްޒަފުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ބުނެދީ އަދި އެކަށީގެންވާ ތަމްރީނު ދިނުމަކީ ޚިދުމަތް އަންނަ ފަރާތްތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެ ވަޒީފާއެއް ދޭ ދައުލަތުގެ އިދާރާގެ ޒިންމާ އެކެވެ. އަދި އެކަން އެގޮތަށް ނުކޮށް، މުވައްޒަފުގެ ބޮލުގައި ކަންކަން އެޅުވުން ބަލައިނުގަނެވޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
"އެފަދައިން އަމަލު ކުރުމަކާ ނުލައި، ކަމެއް ގޯސް މަގުން ދިއުމުން އެކަމަކީ ވަޒީފާއަދާ ކުރާ މުވައްޒަފުގެ އިހުމާލުން ވީ ކަމެއް ކަމުގައި ބުނެ، އެފަދަ މުވައްޒަފެއްގެ ބޮލުގައި ކަން ހިނގައިދިޔަ ގޮތުގެ ޒިންމާ ނުވަތަ އޭގެއިން ބައެއް އެޅުވުމަކީ އަދުލުވެރި ގޮތަކަށް ނުވުމުގެ އިތުރުން ގަބޫލުކުރަން ދަތި ގޮތެއް." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެ މައްސަލާގައި ޖަވާބުދާރީވުުމުގެ ފުރުސަތު އެ މުވައްޒަފަށް ދީފައި ނުވާތީ އިޖްރާއީ އަދުލުވެރިކަން އެ މައްސަލާގައި ގާއިމް ވެފައި ނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މައުޟޫއީ އަދުލުވެެރިކަމާއި އިޖްރާއީ އަދުލުވެެރިކަން ގާއިމް ވެފައި ނެތީސް، އޭނާއަށް އަލުން ވަޒީފާ ނުދިނުމަކީ ދައުލަތުން އޭނާއާ މެދު އެކަށީގެންނުވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައިގަތުން ކަމަށް ނޫނީ ނުވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންވެ، އޭނާއަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫން އެވެ.
އިބްތިހާލްގެ މައްސަލާގައި އިހުމާލުވި ކަމަށް ބުނެ ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް އިހުމާލުގެ ދައުވާ ވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އިބްތިހާލަށް އަނިޔާކޮށް އޭނާ މަރާލި ކަމަށް ބުނެ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އެ މައްސަލާގެ ހުކުމް އިއްވަން ޖެހޭ މުއްދަތު ހަމަވިތާ އަށް މަސް ވީއިރު ވެސް ހުކުމެއް އަދި ނީއްވަ އެވެ.