ވައިޓް ހައުސް އިން ވަނީ "ސުޕަސްޕްރެޑް" އިވެންޓެއް ބާއްވާފައި: ފައުޗީ
ވައިޓް ހައުސް އިން ވަނީ "ސުޕަސްޕްރެޑް" އިވެންޓެއް ބާއްވާފައި: ފައުޗީ

ވޮޝިންޓަން (އޮކްޓޯބަރު 10) - ވައިޓް ހައުސްގައި މިދިޔަ މަހު ބޭއްވި އިވެންޓަކުން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެމެރިކާގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގެ މެންބަރު ޑރ. އެންތަނީ ފައުޗީ ފާޑު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ފައުޗީ ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓް ކުރެއްވި ފަރާތް އިއުލާން ކުރަން ވައިޓް ހައުސްގައި ބޭއްވީ "ސުޕަސްޕްރެޑް" އިވެންޓެއް ކަމަށެވެ. ސެޕްޓެމްބަރު 26 ވަނަ ދުވަހު ބޭއްވި އެ އިވެންޓުގައި ބައިވެރިވި މީހުންގެ ތެރޭން 11 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. ޓްރަމްޕް ވެސް ޕޮޒިޓިވްވި ނަމަވެސް މިހާރު އަންނަނީ ބަލިން ރަނގަޅުވަމުންނެވެ.

ޓްރަމްޕުގެ ޑޮކްޓަރުން މިހާރު ވަނީ ޕަބްލިކް އިވެންޓްތައް ބޭއްވުމުގެ ހުއްދަދީފަ އެވެ. ރިޔާސީ އިންތިީޚާބަށް ވަގުތު ކުޑަތަންވަމުން ދާތީ ކެމްޕޭން ހަރަކާތްތައް ފުޅާކުރަން ޓްރަމްޕް ބޭނުންވެ އެވެ.

ސީބީއެސް ނިއުސްގައި ވާހަކަ ދައްކަވަމުން ފައުޗީ ވިދާޅުވީ "ޑޭޓާ އިން އޭގެ ޒާތުގައި އެތައް ކަމެއް ބުނެދޭ" ކަމަށެވެ.

"ހަގީގަތަކީ ވައިޓް ހައުސްގައި ސުޕަސްޕްރެޑް އިވެންޓެއް ބޭއްވިކަން. އެ އިވެންޓުގައި މީހުން ގައިގޯޅިވެގެން އުޅުނު އިރު މާސްކް ވެސް ނާޅާ ތިބީ،" ފައުޗީ ވިދާޅުވި އެވެ. "ވޭތުވެދިޔަ ހަ މަސް ދުވަހު ކަމާބެހޭ ފަރާތްތަކުން ތަކްރާރުކޮށް އިރުޝާދު ދެމުން ދިޔައީ މާސްކް އަޅައިގެން އުޅުމަށް."

ވައިޓް ހައުސް އިވެންޓް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޓްރަމްޕާއި އަނބިކަނބަލުންގެ އިތުރުން ދެ ސެނެޓަރުންނާއި ޕްރެސް ސެކްރެޓަރީ އަދި ޓްރަމްޕުގެ ކުރީގެ ކައުންސެލާ ކެލީއާނީ ކޮންވޭ ހިމެނެ އެވެ. އެމެރިކާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވައިޓް ހައުސްގެ މުވައްޒަފުންނާއި އެ މީހުންގެ ކޮންޓެކްޓުންގެ ތެރޭން 34 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.