ފިރްމީނޯގެ ދެ ގޯލާ އެކު ބްރެޒިލަށް ރަނގަޅު ފެށުމެއް
ފިރްމީނޯގެ ދެ ގޯލާ އެކު ބްރެޒިލަށް ރަނގަޅު ފެށުމެއް

ސައޮ ޕައޮލޯ، ބްރެޒިލް (އޮކްޓޫބަރު 10) - ރޮބާޓޯ ފިރްމީނޯގެ ދެ ގޯލާ އެކު 5-0 އިން ބޮލިވިއާ ބަލިކޮށް ބްރެޒިލުން ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ފެށުން ރަނގަޅުކޮށްފި އެވެ.

ބްރެޒިލްގެ ކޯޗު ޓީޓޭ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދިން މި މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ 16 ވަނަ މިނިޓްގައި މާކުއީނިއޯސް އެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ މާކުއީނިއޯސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ފިރްމީނޯ ބްރެޒިލްގެ ލީޑުފުޅާކޮށްދިނީ ރެނާން ލޯޑީ ނަގައިިދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތަރު މިނިޓް ތެރޭ ފިރްމީނޯ ވަނީ ބްރެޒިލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ. އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފިރްމީނޯ ޖެހި ބޯޅަ ގޯލަށް ވަނީ ބޮލިވިއާ ކީޕަރު ކާލޯސް ފައިގައި ޖެހިފަ އެވެ. ބްރެޒިލްގެ ހަތަރު ވަނަ ގޯލަކީ ބޮލިވިއާގެ ހޯސޭ މާރިއޯ ކަރަސްކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފިލިއްޕޭ ކުޓީނިއޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ކަރަސްކޯ ގައިގައި ޖެހުނު ބޯޅަ ވަނީ ބައިކޮޅަށެވެ.

ބްރެޒިލްގެ ފަހު ގޯލު ޖެހީ މި ސީޒަނުގައި ބާސެލޯނާގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޓީނިއޯ އެވެ. އޭރިއާ ތެރެއިން ކުޓީނިއޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ކުޓީނިއޯ އަށް އެ ބޯޅަ ދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޭމާ އެވެ. ރޭގެ މެޗުގައި ލަނޑު ޖަހަން ނޭމާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

މެޗަށް ފަހު ބްރެޒިލްގެ ކޯޗު ޓީޓޭ ބުނީ ޖުމްލަކޮށް ބަލާއިރު އޭނާ ބޭނުންވިވަރުގެ ކުޅުމެއް ފެނުމުގެ ހުރަސްތަކެއް ދިމާވި ކަމަށާއި އެކަމަކު ފަސް ގޯލު ޖަހައިގެން މޮޅުވެފައި އޮއްވައި ކުޅުންތެރިން ކުރި ހިތްވަރާ މެދު ދެރަބަހެއް ނުބުނާނެ ކަމަށެވެ.

ކޮލިފައިންގައި ރޭ ކޮލަމްބިއާ ވަނީ 3-0 އިން ވެނެޒުއޭލާ ބަލިކޮށްފަ އެވެ. ކޮލަމްބިއާގެ ގޯލުތައް ޖެހީ ޑުވާން ޒަޕާޓާ އާއި ލުއިސް މުރިއެލް އެވެ. މީގެ ތެރެއިން މުރިއެލް ދެ ލަނޑު ޖެހި އެވެ.