09 އޮކްޓޯބަރ 2020 - 22:24

މިއަދު އިރުއޮއްސި 6:00 އާ ހަމައަށް 24 ގަޑިއިރު ތެރޭގައި ކޮވިޑް-19އަށް 66 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ބަލި ޖެހިފައިވަނީ 54 ދިވެހިންނަށާއި 12 ބިދޭސީންނަށެވެ. މިއީ 24 ގަޑިއިރު ތެރޭ ޓެސްޓްކުރި 1،232 ސާމްޕަލުން ފެނުނު ކޭސްތަކެވެ.
އެއާއެކު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10،808އަށް އެރީ އެވެ. މީގެތެރެއިން 9،654 މީހުން ވަނީ ރަނގަޅުވެފަ އެވެ.
މިއަދު ވެސް ގިނަ މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 60 މީހުންނަށް ބަލި ޖެހުނު އިރު، ރަށްރަށުން ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. ބަލި ޖެހިފައި ތިބި މީހުން 21 ރަށެއްގައި ތިބި އިރު، 19 ރިސޯޓެއްގެ މުވައްޒަފުންނާއި ޓޫރިސްޓުންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. ރަށްރަށުގައި ގިނައީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
މިހާރު ބަލި ޖެހިފައި ތިބީ 1،113 މީހުންނަށެވެ. އަދި 74 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު 369 މީހުން ވަނީ އެކަހެރިކޮށްފަ އެވެ.
ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަށް ފަހު ދަށްވެފައި ވުމުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ވެސް ދީފަ އެވެ. އަދި ޓޫރިޒަމް އަލުން ފަށައި ގެސްޓްހައުސްތައް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.