09 އޮކްޓޯބަރ 2020 - 20:06

ސިފައިންގެ ތަމްރީންތަކަކަށް ލ. ގަމަށް ދިޔަ 58 ސިފައިން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިދިޔަ މަހުގެ 14ގައި އެ ސިފައިން ގަމަށް ދިޔަ ނަމަވެސް އެ މީހުންގެ ތަމްރީނުތައް ހަމަޖެހިފައި އޮތީ އެ އަތޮޅު ކައްދޫގަ އެވެ. ތަމްރީނަށް ދިޔަ 93 ސިފައިންގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވި ކަން އެނގުނީ ގަމު ކުރުހިންނަ ސަރަހައްދުގައި 14 ދުވަސް ވާންދެން ކަރަންޓީނު ވުމަށް ފަހު ހެދި ޓެސްޓުތަކުންނެވެ.
އެ ހުރިހާ ސިފައިންގެ ޓެސްޓުތައް ވެސް ހެދީ ގަމު ރީޖަނަލް ހޮސްޕިޓަލުންނެވެ. އެންމެ ފުރަތަމަ ދުވަހު ޕޮޒިޓިވްވީ އޭގެތެރެއިން 34 މީހެކެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ދެ ވަނަ ޓެސްޓެއް ހެއްދި އިރު، އިތުރު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"އަޅުގަނޑުމެން ހެއްދި ޓެސްޓުތަކުން ނެގެޓިވްވި މީހުން ވެސް ފަހުން ވަނީ ޕޮޒިޓިވްވެފައި. އެއީ ފަހުން 28 މީހެއްގެ ގައިން އަލާމާތްތައް ފެނުމުން ޓެސްޓު ހެއްދި އިރު އޭގެ ތެރެއިން 24 މީހުން ޕޮޒިޓިވް،" ގަމު ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ އެންމެންގެ ވެސް ކޮންޓެކްޓް ޓްރޭސިން ހެއްދި ކަމަށާއި މިހާތަނަށް އިތުރު މީހަކާ އެ މީހުން ބައްދަލުވިކަން އެނގިފައި ނުވާ ކަމަށެވެ.
ތަމްރީނަށް ދިޔަ ހުރިހާ ސިފައިން ވެސް ތިބީ ކަރަންޓީނު ވެގެން، ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ބޭސްއާ ވެސް ދުރުގަ އެވެ. އެހެންވެ، ބަލި އެ ރަށުގެ ތެރެއަށް ފެތުރުން ދުރު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އައްޑޫގެ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އިންޑިއާ އިން އައި ގިނަ ބަޔަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ދަށްވެފައި ވަނިކޮށް، އެ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 100 އާ ގާތް ކުރީ، އެއް ތަނަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމުންނެވެ.