09 އޮކްޓޯބަރ 2020 - 14:50

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 221 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލާނެ އެވެ. އަދި 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 91.44 މީޓަރުގެ އެއްގަމުތޮށި ލުމާއި 1،110 އަކަމީޓަރުގެ ޕޭވްމަންޓު ހަދައި މަގު ބައްތި ހަރު ކުރާނެ އެވެ.
މި މަޝްރޫ އަށް 44.31 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި އަނގޮޅިތީމުގެ ބަނދަރު ހެދުމުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ އެވެ.