09 އޮކްޓޯބަރ 2020 - 11:54

ޕެރިސް (އޮކްޓޫބަރު 9) - ބުދަ ދުވަހުގެރޭ ޔޫކްރޭން އަތުން 7-1 އިން ފްރާންސް މޮޅުވި މެޗުގައި ލަނޑު ޖަހައި 106 އަހަރުވީ ރެކޯޑަކާ ހަމަކުރި އުމުރުން 17 އަހަރުގެ އެޑުއާޑޯ ކަމަވިންގާ އަކީ މުސްތަގުބަލުގައި ފުޓްބޯޅައިގައި ވިދާލާނެ ތަރިއެއް ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ބުނެ އެވެ. ކުރު ނަމަވެސް ޝައުގުވެރިވެފައިވާ ކަމަވިންގާގެ ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ފެންނަން އޮތް އެންމެ ބޮޑު އުސްއައްޔަކީ އޭނާ ގާއިމްކުރަމުން އަންނަ ރެކޯޑްތަކެވެ.

މީގެ 18 އަހަރުކުރިން އެންގޯލާގެ މިކޮންޖްގެ ރެފިއުޖީ ކޭމްޕެއްގައި ކޮންގޯގެ އާއިލާ އަކަށް އުފަންވި ކަމަވިންގާ ފްރާންސްގެ ފުޖޭއާ އަށް ދިޔައި އުމުރުން ދެ އަހަރުގަ އެވެ. އެ ތަނުގައި ދިރިއުޅުނުއިރު، އެކި ދަތިތަކާ ދިމާވި އެ ގޮތުން 2013 ވަނަ އަހަރު ކަމަވިންގާގެ އާއިލާ ދިރިއުޅެމުންދިޔަ ގެ އަލިފާނުގެ ހާދިސާއެއްގައި އަދައިއަޅިޔަށްވި އެވެ.

ކިޔެވުމުގެ ނަސީބު ލިބިފައި ނެތުމުން އުމުރުން 11 އަހަރުގައި ފްރާންސްގެ މަޝްހޫރު ކްލަބް ރެނެސްގެ ޔޫތު ޓީމާ ގުޅުނެވެ. މިޑްފީލްޑާއި އެޓޭކްގެ ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކަމަވިންގާގެ ހުނަރަށް ޔޫތު ލެވަލްގައި ވެސް ގިނަ ފުޓްބޯޅަ ކޯޗުން ތައުރީފުކުރި އެވެ. އުމުރުން 16 އަހަރާއި އެއް މަހުގައި ރެނެސްގެ އެންމެ ހަގު ޕްރޮފެޝަނަލް ކުޅުންތެރިޔާގެ ގޮތުގައި ކަމަވިންގާ އެ ޓީމާ އެކު ކޮންޓްރެކްޓްގައި ސޮއިކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
ރެނެސް އަށް ކަމަވިންގާ ކުޅުނު ފުރަތަމަ މެޗަކީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެންޖާސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ކަަމަވިންގާ ކުޅެން ނުކުތުމާ އެކު އޭނާ ވެފައިވަނީ އެ ކްލަބްގެ ތާރީހުގައި އެ ޓީމަށް ރަސްމީ މެޗެއްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާއި ހަތަރު މަހެވެ.
ފްރާންސް ފުޓްބޯޅައިގައި ކަމަވިންގާ އަށް އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވީ މިދިޔަ އަހަރު އޭނާ ޕީއެސްޖީ އާއި ލިޔޯނާ ދެކޮޅަށް ދެއްކި އާދަޔާހިލާފު ހިތްވަރުގެ ސަބަބުންނެވެ. އެ ގޮތުން މިިދިޔަ އަހަރު އޮގަސްޓް މަހު ރެނެސް އިން 2-1 އިން ފްރާންސް ޗެމްޕިއަން ޕީއެސްޖީ ބަލިކުރި މެޗުގައި ކަމަވިންގާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލަނޑެއް ޖެހުމުގެ އިތުރުން އަނެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު ލިޔޯން ކޮޅަށް ފަހު ވަގުތު ލަނޑެއް ޖަހައިދީ 1-0 އިން ރެނެސް މޮޅުކޮށްދިނީ ވެސް ކަމަވިންގާ އެވެ.
އެންގޯލާ އިން ކަމަވިންގާ އެ ގައުމުގެ ގައުމީ ޓީމަށް ކުޅެން ހުށަހަޅާފައިވަނިކޮށް މިދިޔަ އަހަރު ނޮވެމްބަރު މަހު ފަސް ވަނަ ދުވަހު ފްރާންސްގެ ރަށްވެހިކަން ރަސްމީކޮށް ކަމަވިންގާ އަށް ވަނީ ދީފަ އެވެ. އޭގެ ހަ ދުވަސް ފަހުން ކަމަވިންގާ ވަނީ ފްރާންސްގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.
ރެނެސްގައި ކަމަވިންގާ ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އޭނާ އަށް ވަރަށް އަވަހަށް ފްރާންސްގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު ފުރަތަމަ ފުރުސަތު ލިބުނީ ހީކޮށްގެން ހުރި ގޮތަކަން ނޫނެވެ. އެއީ އޮގަސްޓް މަހު އޮތް ގައުމީ ޓީމުތަކުގެ މެޗުތަކަށް ފްރާންސް އިން ޕައުލް ޕޮގްބާ ޓީމުގައި ހިމަނާފައިވަނިކޮށް އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ބަދަލުގައި ނެގީ ކަމަވިންގާ އެވެ.
ގައުމީ ޓީމަށް ކަމަވިންގާ ނެގުމާ އެކު އޭނާ ވެފައިވަނީ ފްރާންސް ގައުމީ ޓީމުގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 1932 ވަނަ އަހަރު އުމުރުން 17 އަހަރާއި ނުވަ މަހުގައި ގައުމީ ޓީމުގައި ހިމެނުނު ރެނޭ ޖެރާޑް އަތުގަ އެވެ. މިދިޔަ މަހު ފްރާންސް އިން 4-2 އިން ކްރޮއޭޝިއާ ބަލިކުރި މެޗުގައި ދެ ވަނަ ހާފްގައި ކުޅެން އެރި ކަމަވިންގާ އަށް އެ މެޗުގައި ވެސް ވަނީ ރެކޯޑެއް ގާއިމްކުރެވިފަ އެވެ. އެއީ 1914 ވަނަ އަހަރަށް ފަހު ފްރާންސް ގައުމީ ޓީމަށް އުމުރުން 17 އަހަރާއި ނުވަ މަހުގައި ކުޅުނު މޯރީސް ގަސްޓިގާ އަށް ފަހު އެ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑެވެ.
ފްރާންސަށް ކަމަވިންގާގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ ބުދަ ދުވަހުގެ ރޭގައި ޔޫކްރޭނާ ދެކޮޅަށެވެ. އޯވަހެޑްކިކަކުން ކަމަވިންގާ ވައްދާލި މި ގޯލާ އެކު ވެސް އޭނާ ވަނީ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއީ 1914 ވަނަ އަހަރު ގަސްޓިގާ އަށް ފަހު ފްރާންސް ގައުމީ ޓީމަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އެވެ. ސަތޭކަ ހަ އަހަރުވީ އެ ރެކޯޑާ ހަަމަކުރިއިރު ކަމަވިންގާގެ އުމުުރަކީ 17 އަހަރާއި 11 މަހެވެ. ގަސްޓިގާ ރެކޯޑް ހެދިއިރު އުމުރަކީ 17 އަހަރާއި ފަސް މަހެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި ކެޕްޓަން ހޫގޯ ލޮރީސް އަދި ޕޮގްބާ ވަނީ ކަމަވިންގާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ފްރާންސް ފުޓްބޯޅައިގެ މަޝްހޫރު ގިނަ މީހުން ދެކޭގޮތުގައި އެ ގައުމުގެ ފުޓްބޯޅައިގެ މުސްތަގުބަލަކީ ކީލިއަން އެމްބާޕޭ އާއި ކަމަވިންގާ އެވެ.
ކޮވިޑް-19ގެ ސަބަބުން ގިނަ ކްލަބްތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާ ބޮޑު ހަރަދެއް ނުކުރެ އެވެ. އޭގެ ތެރެއިން އެއް ކްލަބަކީ ކަމަވިންގާ ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ ޔޫރަޕްގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް އެވެ. ރިޕޯޓްތައް ބުނާގޮތުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ މިދިޔަ އަހަރު ކަމަވިންގާއާ މަޝްވަރާތަކެއް ބާއްވައިފަ އެވެ. ބާސެލޯނާ އާއި ޔުވެންޓަސް އަދި ލިވަޕޫލުން ވެސް ކަމަވިންގާ އަށް ޝައުގުވެރިވާ ކަމަށް ފްރާންސްގެ މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.