08 އޮކްޓޯބަރ 2020 - 22:15

މިއަދު އިރުއޮއްސި 6:00 އާ ހަމަ އަށް 24 ގަޑިއިރު ތެރޭގައި ކޮވިޑް-19ގެ 86 ކޭހެއް ރާއްޖޭން ފެނިއްޖެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުޑަކޮށް ދަށްވެފައި ހުރުމަށް ފަހު މިއަދަކީ އެހެން ދުވަސްދުވަހަށް ވުރެ ތަންކޮޅެއް ގިނައިން ކޭސްތައް ފެނުނު ދުވަހެކެވެ. އެޗްޕީއޭ އިން ކޮންމެ ރެޔަކު ހާމަކުރާ ތަފާސް ހިސާބުން، މިރޭ ހާމަކުރި އަދަދުތަކުން ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުން ފެނުނީ ކޮވިޑްގެ 57 ކޭހެކެވެ. އަދި ރަށްރަށާއި ރިސޯޓްތަކުން 29 ކޭހެއް ފެނިފައިވެ އެވެ.
މިއީ 24 ގަޑިއިރު ތެރޭ ޓެސްޓްކުރި 1،356 ސާމްޕަލުން ފެނުނު ކޭސްތަކެވެ.
ރިސޯޓްތަކުން ފެންނަ ކޭސްތަކުގެ ތެރޭގައި ރާއްޖެ އަންނަ ޓޫރިސްޓުން ހިމެނެ އެވެ. އެހެން ރަށްރަށުން ފެންނަ ހުރިހާ ކޭސްތަކެއްހެން ހުރީ މާލޭން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ޕޮޒިޓިވްވާ ކޭސްތަކުގެ ގޮތުގަ އެވެ.
މިއަދުގެ ނަންބަރުތަކާ އެކު މިހާތަނަށް ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،742 އަށް އަރައިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 9،589 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެއީ މިއަދު އަލަށް ރަނގަޅުވި 42 މީހުންނާ އެކުގަ އެވެ. ބަލީގައި 34 މީހަކު މަރުވެފައިވެ އެވެ. އެހެންވެ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،112 އެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ވެސް މި ފަހުން އައިސް ވަނީ ދަށްވެފަ އެވެ. މިއަދުގެ ނިޔަލަށް ހޮސްޕިޓަލްގައި ތިބީ 67 މީހެކެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 384 މީހަކު އެބަ ތިއްބެވެ.
ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަށް ފަހު ދަށްވެފައި ވުމުން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއި ވެސް ދީފަ އެވެ. އަދި ޓޫރިޒަމް އަލުން ފަށައި ގެސްޓްހައުސްތައް ހުޅުވަން ވެސް އަންނަނީ ތައްޔާރުވަމުންނެވެ.