08 އޮކްޓޯބަރ 2020 - 22:27

ސުޕްރީމް ކޯޓުން މިހާތަނަށް އަމަލުކުރަމުން އައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ އާ ގަވައިދު މިއަދު އާއްމުކޮށްފި އެވެ.
އަންނަ ހޮނިހިރު ދުވަހު އަމަލުކުރަން ފަށާ މި ގަވައިދުގައި، އެންމެ މަތީ ކޯޓަށް މައްސަލަ ހުށަހެޅުމާއި އެ ކޯޓުން މައްސަލަ ބަލައިގަތުމާއި ކޯޓުގައި މައްސަލަ ހިންގުމާއި އެ ނޫން ވެސް ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކާއި ބާއްވާ އަޑުއެހުންތަކާ ގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ.
އާ ގަވައިދާއެކު ކުރިން ސުޕްރީމް ކޯޓުން އަމަލުކުރަމުން އައި ގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެ އެވެ.
އެގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގައި އެ ކޯޓުގެ ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި ސުޕްރީމް ކޯޓަށް ހުށަހަޅާ ހައި ކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާއީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް ހިމެނެ އެވެ.
އެކަންކަމުގެ އިތުރުން ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ހަވާލުކުރުމާއި ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ޓެލެކޮންފަރެންސިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާ ގުޅޭ އުސޫލުގެ އިތުރުން އާ ހެކި ހުށަހެޅުމާއި ހެކިންނާއި ހަބީރުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައި ވެ އެވެ.
އާ ގަވައިދާ އެކު، ކޯޓަށް ހުށަހަޅަންޖެހޭ އާ ފޯމުތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.