ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން މަންމަ އާއި ދޮންބައްޕަ 15 އަހަރަށް ޖަލަށް
ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން މަންމަ އާއި ދޮންބައްޕަ 15 އަހަރަށް ޖަލަށް

ހދ. މަކުނުދޫގައި އުފަން ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން، މަންމަ އާއި ދޮންބައްޕަ 15 އަހަރަށް ޖަލަށް ލުމަށް މިދިޔަ ހަފުތާގައި ހުކުމް ކޮށްފި އެވެ.

މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ބުނީ އުމުރުން 41 އަންހެން މީހާ އާއި 45 ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފައިވަނީ އުމުރުން ހަ އަހަރުން ފެށިގެން އެކި ދުވަސްމަތިން، އަންހެން ދަރިފުޅާ ޖިންސީ އަމަލު ހިންގި މައްސަލައެއްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއާ މެދު ޖިންސީ އަމަލު ހިންގީ ދޮން ބައްޕަ ނަމަވެސް މަންމަގެ މައްޗަށް ހުކުމް ކުރީ އެކަން ކުރުމަށް ދޮންބައްޕަ އަށް މަގުފަހިކޮށްދީގެންނެވެ.

މީގެ އަހަރުތަކެއް ކުރިން ފެންމަތިވި މި މައްސަލައާ ގުޅިގެން އެ ދެމަފިރިން ޖަލުގައި ބަންދުކޮށްފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އަދި އެ މައްސަލައިގައި ފިރިހެން މީހާ ޖަލުގައި ހުރި އިރު ވޭތުވެ ދިޔަ އަހަރު އެއްކޮށް، އަންހެން މީހާ ހުރީ ގޭބަންދުގައި ކަމަށް އެނގިފައި ވެ އެވެ.

މިހާރު 15 އަހަރު ފުރިިފައިވާ އެ އަންހެން ކުއްޖާ މިހާރު ދިރިއުޅެމުން އަންނަނީ އެހެން ރަށެއްގަ އެވެ. އަދި އެނގިފައިވާ ގޮތުގައި އެ ދެމަފިރިންގެ އެހެން ދަރިން ވެސް މިހާރު ބަލަހައްޓަމުން އަންނަނީ އެހެން ރަށެއްގެ ބަޔެކެވެ.