12 އޮކްޓޯބަރ 2020 - 08:42

މިހާތަނަށް ލޯބީގެ އެއްވެސް ހުށަހެޅުމެއް ނާންނަ ކަމަށާއި ސަބަބަކީ އޭނާ ދެކެ ބައެއް މީހުން ޖެހިލުންވުން ކަމަށް ގަބޫލުކުރެވޭ ކަމަށް ބަތަލާ ޔާމީ ގޯތަމް ބުނެފި އެވެ.
ނެޓްފްލިކްސް އިން ހުކުރު ދުވަހު ޕްރިމިއާކުރި ރޮމޭންޓިކް ކޮމެޑީ "ގިނީ ވެޑްސް ސަނީ" ގެ ބަތަލާ ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ލޯބީގެ ހުށަހެޅުމެއް ނާންނަނީ ބައެއް މީހުން އޭނާއާ ދެކޭ ގޮތުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
"އަހަރެން ނޫނެކޭ ބުނެފާނެތީ ނުވަތަ އަންނަ ރުޅީގައި ކަންކަށިމަތީގައި ޖަހާފާނޭ ހީކޮށް ކަމަށް ބެލެވެނީ ޕްރޮޕޯޒްނުކުރަނީ،" ވިކީ ޑޯނާ، އުރީ: ދަ ސާޖިކަލް ސްޓްރައިކް އަދި ބާލާ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ.
ޔާމީ ބުނި ގޮތުގައި ބައެއް ފަހަރު އެކި ތަންތަނުން އޭނާއާ ދިމާވާ މީހުންނާ ދިމާލަށް ބެލޭ ނުވަތަ ބެލިފައި ހުރި ގޮތަކުން ވެސް ބައެއް ފިރިހެނުން ލޯބި ހުށަހަޅަން ޖެހިލުން ވަނީ ކަމަށް ވެދާނެ އެވެ.
"ޔުނިވަސިޓީގައި އުޅުނު ދުވަސްވަރު އެކީގައި އުޅުނު ބައެއް ރައްޓެހިން ވެސް ބުނާނެ ޔާމީގެ ވަށައިގެން ނުފެންނަ ފެންސެއް ލެވިފައޭ ހުންނަނީ. އެހެންވެގެންނޭ ފިރިހެން ކުދިން ޕްރޮޕޯޒްނުކުރަނީ،" އޭނާ ބުންޏެވެ.
ޔާމީ، 31، އާ މިހާތަނަށް އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ އެކްޓަރު ޕުލްކިތު ސަމްރާޓް، 36، އާ އެވެ. އެ ދެ މީހުން އެކީގައި "ސަނަމް ރޭ" އާއި "ޖުނޫނިޔަތު" ކުޅުނު ދުވަސްވަރު ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން އުޅުނު ކަމުގެ އަޑުތަކެއް އެރި އެވެ. އެކަމަކު މާ ގިނަ ދުވަހެއް ނުވަނީސް ދެ މީހުން ވަކިވެފައިވާކަމުގެ އަޑުތައް އެރި އެވެ.
ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ޕުލްކިތު މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބަތަލާ ކްރިތީ ކަރްބަންދާއާ އެވެ. އެ ދެ މީހުން ވެސް އެކީގައި ދެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި "ޕާގަލްޕަންތީ" އާއި މި މަހުގެ 29 ގައި ޒީ5 އިން ޕްރިމިއާކުރާ "ތައިޝް" ގަ އެވެ.
ޕުލްކިތަކީ ކުރިން ކައިވެންޏެއް ވެސް ކޮށްފައިވާ އެކްޓަރެކެވެ. ސަލްމާން ޚާން ދުރުތާ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާއި ޕުލްކިތު 2014 ގައި ކުރި ކައިވެނި ރޫޅުނީ 2015 ގަ އެވެ.