08 އޮކްޓޯބަރ 2020 - 14:25

ސޯލް (އޮކްޓޯބަރު 8) - އިޓަލީ އަށް ކަނޑައަޅާފައި ހުރި ނޯތު ކޮރެއާގެ ވަގުތީ ސަފީރު "ގެއްލުނުތާ" ދުވަސްތަކެއް ފަހުން އޭނާ ސައުތު ކޮރެއާގައި ދިރިއުޅޭކަން އެނގިއްޖެ އެވެ.
ސަފީރު ޖޯ ސޮންގް ގިލް ގެއްލުނީ 2018 ވަނަ އަހަރު އެވެ. ސައުތު ކޮރެއާގެ ޕާލަމެންޓަރީ އިންޓަލިޖެންސް ކޮމިޓީގެ ވެރިޔާ ވިދާޅުވީ ޖުލައި 2019 އިން ފެށިގެން ޖޯ ދިރިއުޅެނީ ސައުތު ކޮރެއާގައި ކަމަށެވެ. މިއީ ތެދެއް ނަމަ ޖޯ އަކީ 1997 ވަނަ އަހަރުގެ ފަހުން، ފިއްލަވައިގެން ވަޑައިގެން، ސައުތު ކޮރެއާގައި ދިރިއުޅުއްވާ ނޯތު ކޮރެއާގެ އެންމެ ސީނިއާ ބޭފުޅާ އެވެ.
ޖޯ ސައުތު ކޮރެއާގައި ދިރިއުޅުއްވި ނަމަވެސް އޭނާގެ އަންހެން ދަރިފުޅު ވަނީ ނޯތު ކޮރެއާ އަށް ގޮސްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. އިޓަލީގެ ފޮރިން މިނިސްޓްރީން ބުނީ ޖޯގެ އަންހެން ދަރިފުޅު ފެބްރުއަރީ 2019 ގައި ނޯތު ކޮރެއާ އަށް ފޮނުވީ އޭނާ އެދިގެން ކަމަށެވެ. ސަބަބަކީ އޭނާގެ މަންމައާ ބައްޕަ ވީތަނެއް ނޭނގުމުންނެވެ.
ޖޯ އާއި އޭނާގެ އަންހެނުން ގެއްލިފައި ވަނީ ނޮވެމްބަރު 2018 ގަ އެވެ. އޭރު އޭނާގެ ސަފީރުކަމުގެ މުއްދަތު ހަމަވާން ވަނީ ކައިރިވެފަ އެވެ.