08 އޮކްޓޯބަރ 2020 - 13:22

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަން ކުރެއްވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ވާޗުއަލްކޮށް ކުރިއަށްދިޔަ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވަނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ރައީސް ނަޝީދު އަދާކުރައްވާ އިސް ދައުރުގެ ސަބަބުން ސީވީއެފްގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބި، މޫސުމީ ބަދަލުތަކާ ދެކޮޅަށް އިތުރު މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރު ކަމަށް ނަޝީދު އައްޔަން ކުރީ 16 ޖުލައި، 2020ގަ އެވެ.
މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް ވަކި ވަރެއްގައި ދެމެހެއްޓުމަށް ކޮންމެ ގައުމަކުން ވެސް ކަނޑައަޅާ ވަކި މިންގަނޑު ހަރުދަނާކުރަން ޖެހޭ ކަމަށެވެ. އަދި ޖައްވު ހޫނުވުމަށް މަގުފަހިކުރުވާ ގޭސްތައް މަދުކޮށް ޖައްވު ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މަތިނުވާނެހެން ހިފަހައްޓަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސީވީއެފްގެ މެމްބަރުން ޖައްވު ހޫނުވުމުގެ މައްސަލަ އަށް ދޭ ސަމާލުކަމުގެ ސަބަބުން ސީވީއެފްގެ ގައުމުތައް ބައިނަލްއަގުވާމީ މަސްރަހުގައި ފާހަގަކޮށްލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ގްލާސްގޯ ގައި ބާއްވަން ހަމަޖައްސާފައިވާ ކޮޕް 26 ޖެހެންދެން މިހާރު ކުރާ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަށް މިނިސްޓަރު ގޮވައިލެއްވި އެވެ.
މީގެ އިތުރަށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނީ އެކަމަށް ބޭނުންވާ ފައިސާ ހުރި ގައުމަކުން މަސައްކަތަށް އެހީވެގެން ކަން ވެސް ޝާހިދު ފާހަގަކުރައްވައި ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ކުދި ގައުމުތަކަށް އެފަދަ އެހީ ލިބޭ ވަރު ވަރަށް މަދު ކަމަށެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ލީޑާސް އިވެންޓުގެ ރިޔާސަތު ބެލެހެއްޓެވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއެވެ. ޝާހިދުގެ ވާހަކަފުޅުގައި، ސީވީއެފްގެ ރިޔާސަތާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަނާ އަށް މަރުޙަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުގެ ކަންތައްތަކުގައި ބަންގްލަދޭޝްއިން އަދާކުރާ ދައުރު ވެސް ފާހަގަކުރެއްވި އެވެ.
ސީވީއެފް އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވުމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް 48 ގައުމު ގުޅިގެން އުފައްދާފައިވާ ފޯރަމެކެވެ. މި ފޯރަމްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖޭގަ އެވެ.
މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުމާއި ތިމާވެއްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.