08 އޮކްޓޯބަރ 2020 - 12:57

މޯލްޑިވްސް ޑިޖިޓަލް ކޮމާޝަލް ބޭންކްގެ ނަމުގައި އާ ބޭންކެއް ހަދަން އުޅޭ ކަމަށް ބުނެ ފަތުރަމުން ދާ ވާހަކައަކީ ދޮގެއް ކަމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭ އިން އެގޮތަށް ބުނީ މެލޭޝިއާގެ ދެ މީހަކާއި ދިވެއްސަކު ހިމެނޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިވިކް މޮނެޓާ ކެޕިޓަލް ނަމަކަށް ކިޔާ ކުންފުންޏަކުން ފަތުރަން ފެށި މައުލޫމާތުތަކާ ގުޅިގެން "މިހާރު"ން ސުވާލުކުރުމުންނެވެ.
ސިވިކް މޮނެޓާ ކެޕިޓަލުން ވަރަށް އާދައިގެ ގޮތަކަށް ހަދާފައި އޮތް ވެބްސައިޓެއް މި ފަހުން ގެންގުޅުނު ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އެ ވެބްސައިޓުން އޭރު ފެންނަން ހުރި އެއް މައުލޫމާތަކީ "މޯލްޑިވްސް ޑިޖިޓަލް ކޮމާޝަލް ބޭންކް"ގެ ނަމުގައި ލިއެފައި އޮތް ލިއުންކޮޅެކެވެ. އޭގައި ބުނެފައި ވަނީ ޑިޖިޓަލް ބޭންކެއް ހިންގުމުގެ ލައިސަންސް، ދިވެހި ސަރުކާރުން އެ މީހުންނަށް ދީފައިވާ ކަމަށެވެ. އެއީ މަދުވެގެން 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ލިއުންކޮޅުގައި އޮތް ގޮތުން "ޑިޖިޓަލް ބޭންކް"ގެ ހިދުމަތް ފެށޭވަރުވާނީ އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގަ އެވެ.
އެކަމަކު މިހާރު އެ ސައިޓަކަށް ނުވަދެވެ އެވެ.
ރާއްޖޭގައި އާ ބޭންކެއް ހިންގަން ފެށުން ފަދަ ވިޔަފާރީގެ ބޮޑު މުއާމަލާތެއް ފެށުމުގެ ހުއްދަ ސަރުކާރުން ލިބުނު ކަމަށް ބަޔަކު ބުނުމަކީ އޭގެ ޒާތުގައި ސީރިއަސް މައްސަލައަކަށް ވާތީ، އެމްއެމްއޭއާ ސުވާލުކުރުމުން މަރުކަޒީ ބޭންކްގެ އޮފިޝަލު ވިދާޅުވީ އެފަދަ ބޭންކަކާ ބެހޭ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.
"އެކަމާ ބެހޭ ގޮތުން މިތަނަށް އެއްވެސް ހުށައެޅުމެއް ވެސް ނެތް، އެއްވެސް މަޝްވަރާއެއް ވެސް ނެތް ހިނގާފައެއް،" އެމްއެމްއޭގެ އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު"ން ބެލިބެލުމުން އެނގެނީ ސިވިކް މޮނެޓާ ކެޕިޓަލްގެ ޑިރެކްޓަރެއް ކަމަށް ބެލެވޭ ދިވެހި މީހާއަކީ، އެފަދަ ބޮޑު އިންވެސްޓްމަންޓެއް ހިންގޭ ވަރުގެ މާލީ ގާބިލްކަން އަދި ވިޔަފާރީގެ ތަޖުރިބާ ވެސް ހުރި މީހެއް ނޫން ކަމެވެ.