08 އޮކްޓޯބަރ 2020 - 14:09

ވޮޝިންޓަން (އޮކްޓޯބަރު 8) - ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ ހަފުތާއެއް ނުވަނީސް ރައީސް ޑޮނަލްޑް ޓްރަމްޕް އޯވަލް އޮފީހަށް މަސައްކަތަށް ނުކުންނަވައިފި އެވެ.
ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ޓްރަމްޕުގެ ކިބައިން ބަލީގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ. ޓްރަމްޕުގެ ހަށިކޮޅުން ހުން ފިލިތާ ވެސް ހަތަރު ދުވަސްވެއްޖެ ކަމަށް ކޯންލީ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. ޑޮކްޓަރުން ބުނި ގޮތުގައި ޓްރަމްޕަށް ވަނީ ދެ ފަހަރަށް އޮކްސިޖަން ދީފަ އެވެ. ވީޑިއޯ މެސެޖެއްގައި ޓްރަމްޕް އިއްޔެ ވިދާޅުވީ އެމަނިކުފާނަށް ދިން ފަރުވާ އެމެރިކާގެ ހުރިހާ ރައްޔިތުން ވެސް ވަޒަން ކުރަން ޖެހޭނެ ކަމަށެވެ. ޓްރަމްޕް ވަނީ ރެޖެނެރޮން ފާމަޝޫޓިކަލްސް އިން އުފައްދާ ބޭސް ހިލޭ އެންމެންނަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ މި ހަފުތާގައި އެމަނިކުފާނަށް ދިން އެންޓިބޮޑީ ކޮކްޓެއިލްއަކީ ރަނގަޅު ފަރުވާއެއް ކަމަށެވެ. އެކަމަކު ރެޖެނެރޮންގެ ފަރުވާ އަށް ކަމާބެހޭ ފަރާތްތަކުން ހުއްދަ ދީފައެއް ނުވެ އެވެ.
އޯވަލް އޮފީހުގައި ޓްރަމްޕް މަސައްކަތް ފެއްޓެވި ނަމަވެސް ވައިޓް ހައުސް އިން ޕޮޒިޓިވި ގިނަ ސްޓާފުން ތިބީ އައިސޮލޭޝަނުގަ އެވެ. ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ގައިޑްލައިންގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މަދުވެގެން 10 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.
ވައިޓް ހައުސް އިން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން ޓްރަމްޕާ ހަ ފޫޓަށް އެއްވެސް މީހަކު ކައިރިއެއް ނުވާނެ އެވެ.