08 އޮކްޓޯބަރ 2020 - 12:59

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

އެކި މައްސަލަތަކުގައި މިދިޔަ ޖޫން މަހާ ހަމަ އަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 12،778 އެވިޑެންސްގައި ހިމެނޭ މަސްތުވާތަކެތި ނައްތާލާފައިވަނީ ދޫނިދޫގަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ފުލުހުންގެ އިސްވެރިން ވަނީ، މަސްތުވާތަކެތި ނައްތާލި ތަނަށް ވަޑައިގެންފަ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަތުލައިގަންނަ މަސްތުވާތަކެތީގެ ތަހުގީގު މަރުހަލާ ނިންމައި ވީހާ ވެސް އަވަހަކަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.
މިފަހަރު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅަ އަދި އެހެނިހެން ބާވަތުގެ 79،225 އެއްޗެހި ހިމެނެ އެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި 324 ކިލޯ ހުއްޓެވެ.
ފުލުހުން ބުނީ އެ އެއްޗެހީގައި 108 ކިލޯގެ ހެރޮއިންއާއި 158 ކިލޯ ކެނަބިސް އާއި 39 ކިލޯ މެޓަމްފެޓަމިން ރެސިމޭޓް އާއި 14 ކިލޯ ކޮކެއިން އަދި 1.7 ކިލޯގެ އެމްޑީއެމްއޭ ހިމެނޭ ކަމަށެވެ.
އެ މަސްތުވާތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗިއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.