08 އޮކްޓޯބަރ 2020 - 08:44

ޓިއުރިން (އޮކްޓޫބަރު 8) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެ ޓީމުގެ އިތުރު ކުޅުންތެރިންތަކެއް ސިއްހީ ޕްރޮޓޮކޯލްތަކާ ހިލާފުވުމުން އިޓަލީގެ ހެލްތު އޮތޯރިޓީން އެ ކުޅުންތެރިން މައްސަލައެއް ބަލަން ފަށައިިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޔުވެންޓަސްގެ ދެ ސްޓާފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ޓީމުގެ ކުޅުންތެރިން ތިބީ އެއް ހޮޓަލެއްގައި ބައިތިއްބައިފަ އެވެ. އެ ހާލަތުގައި މުޅި ޓީމު އެއްކޮށް އާދިއްތަ ދުވަހު ނަޕޯލީއާ ދެކޮޅަށް މެޗު ކުޅެން ދަނޑަށް ދިޔަ ނަމަވެސް އެ މެޗަށް ނަޕޯލީ ހާޒިރެއްނުވީ އެ ޓީމުގައި ވެސް ކޮވިޑްގެ ކޭސްތަކެއް އުޅޭތީ އެވެ.
އިޓަލީގެ ސިއްހީ އިދާރާތަކުން ކަނޑައަޅާފައިވާ ނިއު ނޯމަލް ޕްރޮޓޮކޯލްގެ ތެރެއިން ޓީމެއްގެ ކުޅުންތެރިން ނޫނީ އޮފިޝަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ފަހު ނަތީޖާ ނުލިބެނިސް ގައުމު ދޫކޮށް ނުދެވޭނެ އެވެ. އެކަމަކު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސް އަށް ކުޅޭ ދެކުނު އެމެރިކާގެ ކުޅުންތެރިން ކަމަށްވާ ޕައޮލޯ ޑިބާލާ، ހުއާން ކުއަޑްރާޑޯ، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ނުލިބެނިސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމަށް ގޮސްފަ އެވެ. މީގެ ތެރެއިން ރޮނާލްޑޯ ވަނީ ރޭ ސްޕެއިނާ ދެކޮޅަށް ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗުގައި ކުޅެފަ އެވެ.
"ކްލަބުން (ޔުވެންޓަސް އިން) އަހަރެމެންނަށް މައުލޫމާތު ދީފައިވަނީ އައިސޮލޭޝަން ގަވާއިދާ ހިލާފުވެ ބައެއް ކުޅުންތެރިން ގައުމީ ޓީމާ ގުޅިފައިވާކަމަށް. އެހެންވެ މި މައްސަލަ އަހަރެމެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިން. އެހާ ހިސާބުން ދެން މި މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕްރޮސެކިއުޓަރުން،" އަންސާ ނިއުސް އެޖެންސީ އަށް ޕިއެޑްމަންޓް ރީޖަންގެ ހެލްތު އޮތޯރިޓީގެ ޑިރެކްޓަރު ރޮބާޓޯ ޓެސްޓީ ވިދާޅުވި އެވެ.
ގައުމީ ޓީމާ ގުޅެން ކޮވިޑް-19 ޓެސްޓްގެ ނަތީޖާ ލިބެންދެން މަޑުކުރި ޔުވެންޓަސްގެ މަޝްހޫރު ކުޅުންތެރިންނަކީ އިޓަލީގެ ޖިއޮޖިއޯ ކިއެލީނީ އާއި ލިއޮނާޑޯ ބޮނޫޗީ، ޕޮލެންޑް ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ، ފްރާންސްގެ މިޑްފީލްޑަރު އޭޑްރިއަން ރަބިއޯ އަދި ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ.
ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ތަންތަނަށް ކުރު މުއްދަތަކަށް ގައުމީ ޓީމުގެ މެޗުތައް ކުޅެން ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.