07 އޮކްޓޯބަރ 2020 - 20:00

ދައުލަތުގެ އިސްވެރިންގެ އަބުރާ ބެހުނަސް، ގެއްލުމުގެ ބަދަލު އެ ބޭފުޅަކަށް ނަގައިދެވިގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގާނޫނެއްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް އެ ބިލް ފޮނުވަނީ މިހާރު ވެސް އޮންނަ ގޮތަށް އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ބޭއްވުމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައިވަނީ ދައުލަތުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަބުރާ ބެހުނަސް، ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އެ ބޭފުޅުންނަށް ދެވިގެން ނުވާނެ ކަމަށާއި އެ ފުރުސަތު ދެވެން ޖެހޭނީ އާންމުންނަށް އެކަނި ކަމަށެވެ. އަދި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަބުރާ ބެހުނަސް، އެ ބޭފުޅުންނަށް ދައުވާ ކުރެވެންވާނީ މައާފަށް އެދުމަށް ނުވަތަ ގޯސްކޮށް ފެތުރި މައުލޫމާތެއް ރަނގަޅު ކުރުމަށް ފަހު ކަމަށް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
"ދޮގު މައުލޫމާތު ރަނގަޅު ކުރަން ދައުވާ ކުރެވިދާނެ ދައުލަތުގެ އިސްވެރިއަކަށް ވިޔަސް. އެކަމަކު ބަދަލު ހޯދަން ދައުވާ ކުރެވިގެެން ނުވާނެ." އޭނާގެ ޓްވީޓްގައިވެ އެވެ.
ފައްޔާޒްގެ ޓްވީޓްގައިވަނީ ދައުލަތުގެ އިސް މަގާމުތައް ގަބޫލު ކުރަން ޖެހޭނީ އެކި ތުހުމަތުތައް އަންނާނެ ކަން އެނގިހުރެ، އެކަމަށް ރުހި ގަބޫލުވެގެން ކަމަށެވެ.
ކުރީގެ ސަރުކާރުގެ ދުވަސްވަރު މަޖިލީހުން ފާސްކުރި އަބުރު ރައްކާތެރި ކުރުމާއި ޚިޔާލުފާޅު ކުރުމުގެ ގާނޫނު މިހާރު ވަނީ އުވާލައިފަ އެވެ. އެ ގާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުން ޖޫރިމަނާކުރި އެވެ.