07 އޮކްޓޯބަރ 2020 - 17:10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފި އެވެ.
މުލިއާގެގޭގައި މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ގިނަ ކަންތައްތަކަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ކުރިމަތިިވެފައިވާ އިގްތިސާދީ ގޮންޖެހުމުން އަރައިގަތުމާއި ސަރުކާރާ އެކީގައި މަޖިލީހުން މަސައްކަތް ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި ކަންކަން ދާނީ ރަނގަޅު މިސްރާބަކަށް ކަމަށް އެ ޓްވީޓްގައިވެ އެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް." ރައީސްގެ ޓްވީޓްގައިވެ އެވެ.
ރައީސާއި ނަޝީދު މިއަދު ބައްދަލު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލާގައި ރައީސާއި ނަޝީދު ޚިޔާލު ތަފާތުވެފައި ވަނިކޮށެވެ. ނަޝީދު އިސްވެ ހުންނަވައިގެން ފައްޔާޒް ވަކި ކުރެއްވުމުގެ މަސައްކަތް މަޖިލިސް ތެރެއިން ކުރައްވަމުން ގެންދަވަނިކޮށް ރައީސް ވަނީ ފައްޔާޒް ދިފާއު ކުރައްވާނެ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ.