ދޭތެރެދުރުކުރާ އިންޖެކްޝަން ފިރިހެނުންނަށް: ޓެސްޓު ކާމިޔާބު
ދޭތެރެދުރުކުރާ އިންޖެކްޝަން ފިރިހެނުންނަށް: ޓެސްޓު ކާމިޔާބު

ދޭތެރެދުރުކުރުމަށް ފިރިހެނުންނަށް ހާއްސަކޮށްގެން އުފެއްދި ހޯމޯން އިންޖެކްޝަން ކާމިޔާބު ކަމަށާއި އެކަމަކު އެ އިންޖެކްޝަންގެ ސަބަބުން ކުރިމަތިވާ އިތުރު އުނދަގޫތައް ގިނަ ކަމަށް ރިސާޗަރުން ބުނެފި އެވެ.

އެމެރިކާގެ ރިސާޗަރުންގެ ޓީމުން ބުނެފައި ވަނީ މި އިންޖެކްޝަން ބޭނުންކުރި 270 ފިރިހެނުންގެ ތެރެއިން ދަރިން ލިބުނީ އެންމެ ހަތަރު މީހަކަށް ކަމަށާއި މިއީ 96 ޕަސެންޓް ކާމިޔާބު އިންޖެކްޝަނެއް ކަމަށެވެ.
ނަމަވެސް، ދިރާސާ ޓީމުން ބުނީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ ސައިޑް އިފެކްޓްސް ކަމަށެވެ. މި އިންޖެކްޝަން ބޭނުންކުރި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަނީ މޫނުގައި އޮށާޅަ ނެގުމާއި އަވަސް އަވަހަށް މޫޑު ބަދަލުވެ ނުތަނަވަސްވުން ފަަދަ މައްސަލަތަކާ ކުރިމަތިވެފަ އެވެ.

ފިރިހެނުންގެ ހޯމޯން އަށް ބަދަލު ގެނެސްގެން، ދޭތެރެދުރުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއް ހޯދުމަށް ދިރާސާ ކުރަމުން އަންނަތާ ގާތްގަނޑަކަށް 20 އަހަރު ވެއްޖެ އެވެ.

ސައިންސްވެރިން މަސައްކަތްކުރަމުން އަންނަނީ ސީރިއަސް މައްސަލަތަކެއް ކުރިމަތި ނުވާނެ ގޮތަކަށް، ފިރިހެނުންގެ ދަރިފަނި ކޮންޓްރޯލްކޮށް އޭގެ ބާރު ދަށްކޮށްލެވޭނެ ގޮތެއް ހޯދުމަށެވެ. އާންމު ގޮތެއްގައި މިލިލީޓަރުގެ މިންވަރެއްގައި 15 މިލިއަން ދަރިފަނި އެކުލެވެ އެވެ. އެކަމަކު ދަރިން ނުލިބޭ ގޮތް ހަދަން މިލިލީޓަރަކަށް އެއް މިލިއަން ދަރިފަނި ހުންނަ ވަރަށް ދަށްކޮށްލަން ޖެހެ އެވެ.

ދިރާސާގައި ބައިވެރިކުރި މީހުންނަށް އަށް ހަފުތާގެ ތެރޭގައި ދެ އިންޖެކްޝަން ޖަހައި، ހަ މަސް ދުވަހުގެ ތެރޭގައި އެ މީހުންގެ ދަރިފަނި މަދުވި މިންވަރު ބެލި އެވެ. އަދި ބޭނުންވާ މިންވަރަށް ދަރިފަނީގެ މިންވަރު ދަށްކޮށް އަހަރު ދުވަސް ވަންދެން އިންޖެކްޝަން ބޭނުންކުރަމުން ދިޔަ އެވެ. އަދި އިންޖެކްޝަން ބޭނުންކުރުން ހުއްޓާލުމުން ދަރިފަނި ކުރިން ހުރި މިންވަރަށް އަންނަނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ވެސް ބެލި އެވެ. ކުރިން ހުރި ހާލަތަށް ބަދަލު ނުވި އަށް މީހަކު ފާހަގަވި އެވެ.

މުޅި ދިރާސާއަށް ބަލާއިރު، ތަޖުރިބާކާރުން ބުނެފައި ވަނީ ދޭތެރެދުރުކުރުމަށް ފިރިހެނުންނަށް އިންޖެކްޝަން ޖެހުމަކީ ކާމިޔާބުކަމާ އެކު ކުރެވޭނެ ކަމެއްކަން ދިރާސާއިން ކަށަވަރު ވެފައިވާ ކަމަށެވެ. އެކަމަކު ޓެސްޓުކުރުން ހުއްޓާލީ އިންޖެކްޝަންގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ގޮތެއް ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.