01 ޖޫން 2016 - 22:46

މަނީ ލޯންޑެރިންގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލްސް މެނޭޖްމަންޓް (އެމްސީއެމް) ގެ އެކައުންޓަށް ފަސް މިލިއަން ޑޮލަރު ޖަމާކުރުމުން އޭގެ ތެރެއިން އަދީބު ވިދާޅުވި އަދަދަކަށް ޗެކް ހެދުމަށް ފަހު އެ ޗެކް އަދީބަށް ދޫކޮށްފައިވާނެ ކަމަށް އެ ކުންފުނީގެ ދެ މީހަކު ކޯޓުގައި މިރޭ ހެކިބަސް ދީފި އެވެ.

އެ މީހުން ކޯޓުގައި މިއަދު ހެކިބަސް ދިނީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު އެމްސީއެމްގެ އެކައުންޓަށް ޖަމާކޮށް، އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބާއި އެ ކުންފުނީގެ މައި ހިއްސާދާރު ހާމިދުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާގެ މިރޭ ބޭއްވި އަޑުއެހުމުގަ އެވެ.
މިރޭގެ އަޑުއެހުމުގައި އެގޮތަށް ހެކިބަސް ދިނީ އެމްސީއެމްގައި މަސައްކަތްކުރާ ހާމިދުގެ ކޮއްކޮ އަމްޖަދު އިސްމާއިލާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ނިޔާޒެވެ. އަމްޖަދު ބުނި ގޮތުގައި ޖޫން، 2014 ގެ ދުވަހެއްގައި އަދީބު އޭނާއަށް ގުޅި ކަމަށާއި ފަސް މިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓުގައި ހުންނާނެ ކަމަށް ވިދާޅުވި ކަމަށެވެ. އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު އެކައުންޓުގައި ބެހެއްޓުމަށް ފަހު ބާކީ ފައިސާ އަދީބު ވިދާޅުވެގެން ތިން ޗެކަކުން އޭނާއަށް ދޫކުރި ކަމަށް އަމްޖަދު ބުންޏެވެ.
އަމްޖަދު ބުނި ގޮތުގައި އެކަައުންޓުގައި ބެހެއްޓި ފައިސާ އަކީ އަދީބު އެ ކުންފުނީގައި އުޅުއްވި އިރު ނަންގަވާފައިވާ ލޯނުތަކަށް ދޭންޖެހޭ ފައިސާ އެވެ. އަމްޖަދެކޭ އެއްގޮތަށް ޖެނެރަލް މެނޭޖަރު ނިޔާޒު ވެސް ބުނީ އަދީބުގެ އެދިވަޑައިގަތުމުގެ މަތިން އެ އެކައުންޓުން ފައިސާ ދޫކުރަން ތިން ޗެކެއް އަދީބަށް ދޫކޮށްފައިވާ ކަމަށެވެ.
އެކަމަކު އެ ދެ މީހުން ވެސް ބުނި ގޮތުގައި އެ މުއާމަލާތް ހިނގިއިރު ދައުވާލިބޭ ހާމިދަށް އެކަން ނާންގާ ކަމަށާއި ހާމިދު އޭރު ރަށުގައި ވެސް ނެތް ކަމަށެވެ.
މިއަދު ވަނީ އެސްޓީއޯގައި މަސައްކަތްކުރާ ދެ މުވައްޒަފެއްގެ ހެކިބަސް ވެސް ސިއްރުން ނަގައިފަ އެވެ. އެ ދެ މީހުންނަކީ އެސްޓީއޯއާ ޑޮލަރުގެ މުއާމަލާތް ހާމިދު ހިންގިކަން ސާބިތުކުރަން ހުށަހެޅި ދެ މީހުންނެވެ.
އެ ދެ މީހުން ވެސް ބުނިގޮތުގައި ހާމިދު ވަނީ އެސްޓީއޯ އަށް އެއް މިލިއަން ޑޮލަރު ފޯރުކޮށްދީފަ އެވެ. އެކަމުގެ މެދުވެރިއަކަށް އެސްޓީއޯގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ވެސް ބައިވެރިވި ކަމަށް އެ ދެ މީހުން ހެކިބަސް ދިނެވެ.
މީގެ އިތުރުން އަދީބުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝާހިދު އިސްމާއިލާއި ޒިޔަތުގެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާގެ ހެކިބަސް ވެސް މިރޭ ވަނީ ނަގައިފަ އެވެ. ޝާހިދުގެ ހެކިބަސް ނެގީ އަދީބުގެ ހިއްސާ ކުރިން އޮތް މޮންޓިލިއަން ކުންފުނީގެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.
ޒިޔަތުގެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ ހާޒިިރުކުރީ އޭނާ ތަހުގީގަށް ބަޔާން ދިނީ މަޖުބޫރު ކަމެއް ނެތިކަން ސާބިތު ކުރުމަށެވެ.
އެ މައްސަލައިގެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ބާއްވާނެ އެވެ.