07 އޮކްޓޯބަރ 2020 - 13:58

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލް ދިފާއުކުރައްވައި ގިނަ ވާހަކަތަކެއް ދެއްކެވި، ހެޑް އޮފް ރިސްކްގެ މަގާމުގައި ހުންނެވި ޔާމީން އާދަމް، އިސްތިއުފާ ދެއްވައިފި އެވެ.
ބީއެމްއެލްގެ އެންމެ ތަޖުރިބާކާރު އެއް މުވައްޒަފު އަދި އެ ބޭންކްގައި ގާތްގަނޑަކަށް 30 އަހަރު ހިދުމަތްކުރެއްވި ޔާމީން ވިދާޅުވީ މި އަހަރު ބީއެމްއެލުން ވަކިވެވަޑައިގަތުމުގެ ޕްލޭނެއް އޭނާ ގެންގުޅުއްވި ކަމަށެވެ.
އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 29 ގަ އެވެ.
"މި އަހަރު ރިޓަޔަކުރަން ޕްލޭންކޮށްގެން މި ކެނޑުނީ،" ޔާމީން ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކޮންސަލްޓެންޓެއްގެ ގޮތުން ބޭންކްގެ މަސައްކަތުގައި އޭނާ މި ވަގުތު އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މިދިއަ އަހަރުގެ ޖުލައި 16 ގައި އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އޭރުގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ޝަރީފާ އެކު ޔާމީން ވަނީ މެމްބަރުންގެ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ. އަދި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓްތައް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ ފައިސާ، އެސްއޯއެފުން ބޭނުންކުރަމުން ދިޔަ އިރު ވެސް އޭގައި ބޭންކްގެ ބައިވެރިވުމެއް ނެތް ކަމަށް، ތަކުރާރުކޮށް ދެ ބޭފުޅުން ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީއަށް އެކި ފަަރާތްތަކުން ދީފައި ހުރި ބޮޑެތި އަދަދުތަކުގެ ޗެކްތައް، ބީއެމްއެލްގައި އޮތް އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާކޮށް، ނަގަމުން ދިޔަ އިރު، އެއީ ބޮޑު ހިޔާނާތުގައި ބޭންކް ވެސް ބައިވެރިވުން ކަމަށް، ބައެއް މެމްބަރުން ތުހުމަތުކުރެއްވި އެވެ.
ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވި އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ އެސްއޯއެފްގެ ޝައްކުކުރެވޭ މުއާމަލާތެއް ކުރިމަތިވުމުން އެކަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކޮށް، އޭގެ ފަހުން އެސްއޯއެފްގެ އެކައުންޓް ވެސް ހިފެހެއްޓި ކަމަށެވެ. ނަމަވެސް ފަހުން އެފްއައިޔޫއާ އެކު ކުރި މަޝްވަރާތަކަށް ފަހު، ބައެއްގެ އެކައުންޓް އެގޮތަށް ހިފެހެއްޓުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އިރުޝާދު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި، އެ އެކައުންޓް ފަހުން ދޫކޮށްލީ އެވެ.
އެސްއޯއެފަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް އެކުވެރިއެއްގެ ކުންފުންޏެކެވެ. އެމްއެމްޕީއާރުސީގެ ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތް އެ ކުންފުނިން ހިންގާފައި ހުރީ ބީއެމްއެލް މެދުވެރިކޮށެވެ.