ޓްރަމްޕް ކޮވިޑުން ރަނގަޅު ނުވަނީސް ބަހުސްގައި ބައިވެރިވާން ބައިޑަން ދެކޮޅު
ޓްރަމްޕް ކޮވިޑުން ރަނގަޅު ނުވަނީސް ބަހުސްގައި ބައިވެރިވާން ބައިޑަން ދެކޮޅު

ވޮޝިންޓަން (އޮކްޓޯބަރު 7) - ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އިން މުޅިން ރަނގަޅު ނުވަނީސް އެމަނިކުފާނާ އެކު އަންނަ ހަފުތާގައި އޮންނަ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ދެކޮޅު ހައްދަވައިފި އެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ހެލްތު ޕްރޮޓޮކޯލްތަކާ އެއްގޮތަށް ބަހުސް ކުރިއަށް ގެންދާނެ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑަން، 77، ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ ރިޔާސީ ފުރަތަމަ ބަހުސް ބޭއްވިތާ ދެ ދުވަސް ފަހުންނެވެ. ދެ ވަނަ ބަހުސް ޝެޑިއުލްކޮށްފައި ވަނީ މި މަހު 15 ގަ އެވެ. އެކަމަކު ބައިޑަން ވިދާޅުވީ ޓްރަމްޕް ރަނގަޅު ނުވަނީސް އެ ބަހުސް ބާއްވައިގެން ނުވާނެ ކަމަށެވެ.

ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ގައިޑްލައިންގައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން މަދުވެގެން 10 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއް. ޑޮކްޓަރުން ބުނާނީ ރަނގަޅަށް ކަންތައް ކުރަން،" ބައިޑަން ވިދާޅުވި އެވެ.

އާލާސްކަންފުޅާ އުޅުއްވި ނަމަވެސް ސިއްހީ ގައިޑްލައިންތަކަށް ތަބާވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފައެއް ނުވެ އެވެ. އެންމެ ފަހުން ވިދާޅުވެފައި ވަނީ ދެ ވަނަ ބަހުސް އަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.