ކޮމިއުނިޓީ ސްޕްރެޑް ކޭސްތައް އަނެއްކާވެސް އިތުރުވެއްޖެ
ކޮމިއުނިޓީ ސްޕްރެޑް ކޭސްތައް އަނެއްކާވެސް އިތުރުވެއްޖެ

ކޮވިޑް-19 ޖެހިފައިވާ މީހަކަށް އެއްވެސް ގުޅުމެއް އޮތްކަން ނޭނގި އެ ބަލި ޖެހުނު މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ގޮސްފައިވާ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ހަފުތާގެ ހިސާބުތަކުގެ ތެރެއިން އެންމެ ފަހުން ހާމަކުރި 24 ވަނަ ހަފުތާގެ ހިސާބުތައް ދައްކާ ގޮތުން ކޮވިޑަށް ޕޮޒިޓިވް މީހަކާ ގުޅުމެއް އޮތްކަން ނޭނގޭ ނުވަތަ އަންލިންކްޑް ކޭސްތަކުގެ އަދަދު ވަނީ 35 އަށް އިތުރުވެފަ އެވެ. އެއީ ކުރީ ހަފުތާގައި 29 ގައި ހުރުމަށް ފަހުގަ އެވެ.

މި އިތުރުވުމާ އެކު އަންލިންކްޑް ކޭސްތައް އެލާޓް ލެވަލް 1 ގައި ހުރުމަށް ފަހު މިހާރު ވަނީ 2 އަށް މަތިވެފަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވި ނަމަވެސް އެއްވެސް ގުޅުމެއް ނެތި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ ކޮމިއުނިޓީ ސްޕްރެޑް އިތުރުވުމުގެ ނިޝާނެކެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ބަލި ކޮންޓްރޯލްވެއްޖެ ނަމަ ބުނެވޭ ވަރު ވާނީ ކޮމިއުނިޓީ ކޭސްތައް 20 އާ ހަމަ އަށް ދަށްކޮށްގެން ކަމަށެވެ.

ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި ކޮމިއުނިޓީ ކޭސްތައް އިތުރުވި ނަމަވެސް ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ ރޭޓުު 10.6 ޕަސެންޓުގައި ހުރުމަށް ފަހު ވަނީ 8.55 ޕަސެންޓަށް ވެއްޓިފަ އެވެ. މި ރޭޓު އެންމެ ފަހުން 10 ޕަސެންޓަށް ވުރެ ދަށްވީ ޖުލައި މަހުގެ ތެރޭގަ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް 10،621 މީހުން ޕޮޒިޓިވްވެފައި ވާ އިރު 9،466 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން ދަނީ 1،121 މީހުންނެވެ. އިއްޔެ، މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 54 މީހުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު ދަށްވުމާ އެކު މިހާރު ވަނީ މާލެ ސަރަހައްދުގައި ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތު އިތުރުކޮށްފަ އެވެ. ނަމަވެސް އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެ އެވެ. އިއްޔެ ވަނީ ކޮވިޑް ފެތުރޭތީ އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ވެސް އެއް މަހަށް އަނެއްކާ ވެސް އިތުރުކޮށްފަ އެވެ.