ބަތަލާގެ ކާޖަލް އަގަރްވާލްގެ ކައިވެނި މި މަހުގެ 30 ގައި
ބަތަލާގެ ކާޖަލް އަގަރްވާލްގެ ކައިވެނި މި މަހުގެ 30 ގައި

އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލް މި މަހުގެ 30 ގައި ކައިވެނިކުރަން ނިންމައިފި އެވެ.

ކައިވެނިކުރާ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން 35 އަހަރުގެ ބަތަލާ ބުނީ އޭނާ އާއި ލޯބިވެރިޔާ ގޯތަމް ކިޗްލޫގެ ކައިވެނީގެ ހަފުލާ ވަރަށް ޕްރައިވެޓްކޮށް ބާއްވާނީ މި މަހުގެ 30 ގައި މުމްބާއީގައި ކަމަށެވެ. ކާޖަލް ބުނި ގޮތުގައި އެ ހަފުލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަންޏެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އިތުރުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ ކާޖަލް ބުނީ ކައިވެނިކުރި ނަމަވެސް އޭނާ އެކްޓްކުރުން ހުއްޓާނުލާނެ ކަމަށެވެ. ކާޖަލް އަކީ ތެލެގޫ، ތަމަޅަ ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް ބަތަލާ އެވެ.

އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭގްވަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" އާއި ރަންދީޕް ހޫޑާގެ "ދޯ ލަފްޒޯން ކީ ކަހާނީ" ހިމެނެ އެވެ. ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީއާ އެކު ގެނެސްދޭ ގޭންގްސްޓާ ޑްރާމާ "މުމްބާއީ ސާގާ" އެވެ. އަދި އަންނަ އަހަރު ގެނެސްދޭ ކަމަލް ހަސަންގެ "އިންޑިއަން 2" ގެ ބަތަލާ އަކީ ވެސް ކާޖަލް އެވެ.

އޭނާ މިހާތަނަށް ކުޅުނު ފިލްމުތަކުގެ އަދަދު 50 އަށް ވުރެ ގިނަ އެވެ.

ކާޖަލްގެ ވާން އުޅޭ ފިރިމީހާ އަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތްކުރާ ވިޔަފާވެރިއެކެވެ. ގޯތަމަކީ އިންޓީރިއާ ޑިޒައިނިން ކުންފުންޏެއް ކަމަށްވާ "ޑިޒާން ލިވިން" ގެ ބާނީ ވެސް މެ އެވެ.