07 އޮކްޓޯބަރ 2020 - 12:15

އަންނަ ޖެނުއަރީ މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ކޮލެޖު، ވިލާ ކޮލެޖުން ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ގެންދާ 102 ކޯހަކަށް އަންނަ ޑިސެމްބަރު 19 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އޭގެ ތެރެއިން އޮންލައިންކޮށް 79 ކޯހެއް ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.
އެ ކޮލެޖުން ބުނީ ޖެނުއަރީ މަހުގެ ތިން ވަނަ ހަފުތާގައި ކިޔެވުން ފަށާނެކަމަށެވެ.
ޖެނުއަރީ އިންޓޭކުގައި ހުޅުވާލާ ކޯސްތަކުގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑު (ޔޫވީ) ގެ މާސްޓާސް އަދި ބެޗްލާސް ޑިގްރީ ކޯސްތައް ހިމެނެ އެވެ.
މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް އެކެއްގެ ކޯހަކާއި ލެވެލް ދޭއްގެ ދެ ކޯހަކާއި ލެވެލް ތިނެއްގެ 11 ކޯހަކާއި ފައުންޑޭޝަންގެ 14 ކޯހަކާއި ޑިޕްލޮމާގެ 21 ކޯހަކާއި ޑިގްރީގެ 27 ކޯހެއް، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓްގެ ހަ ކޯހަކާއި މާސްޓާސްގެ 14 ކޯހެކެވެ. އޭގެ އިތުރުން އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އާއި އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ބްރުކްސް ޔުނިވާސިޓީގެ ބީއެސްސީ (އޮންސް) އިން އެޕްލައިޑް އެކައުންޓިން ކޯހަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ވެ އެވެ.
ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން މަހުން މަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ވެ އެވެ. ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ހުރިހާ ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތު އޮންނާނެ އެވެ.