ލަންކާ އިން އެއް ދުވަހުން 700 މީހުން ޕޮޒިޓިވްވެއްޖެ
ލަންކާ އިން އެއް ދުވަހުން 700 މީހުން ޕޮޒިޓިވްވެއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 7) - ސްރީ ލަންކާގެ ގަމްޕަހާ ޕްރޮވިންސްގެ ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތް ކުރާ 39 އަހަރުގެ އަންހެނަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުން، އެ ގައުމުން އެއް ދުވަސްތެރޭ 739 މީހުން އިއްޔެ ޕޮޒިޓިވްވެއްޖެ އެވެ.

އަންހެން މީހާ ޕޮޒިޓިވްވިކަން އެނގުނީ ހުން އަންނަން ފެށުމުން ގަމްޕަހާ ހޮސްޕިޓަލަށް އާދިއްތަ ދުވަހު ދެއްކުމުންނެވެ.

ބްރޭންޑިކްސް ގާމެންޓް ފެކްޓަރީ ކްލަސްޓާއާ ގުޅޭ 832 ކޭސް މިހާރު ވަނީ ފެނިފަ އެވެ. ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނީ ފެކްޓަރީން ޕޮޒިޓިވްވި އަންހެން މީހާގެ ދަރިފުޅު ކިޔަވަން ދިޔަ ސްކޫލުން ވެސް ގިނަ އަދަދެއްގެ ކުދިން ޓެސްޓްކޮށްފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ކިޔަވާ ކުއްޖަކު ޕޮޒިޓިވްވެފައެއް ނުވެ އެވެ.

ބްރޭންޑިކްސް އިން ބުނެފައި ވަނީ އެ ފެކްޓަރީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ. މިނުވަންގޮޑާގައި ހުންނަ ފެކްޓަރީގެ 1،394 ސްޓާފުން ވަނީ މި މަހު 5 ވަނަ ދުވަހު ޓެސްޓްކޮށްފަ އެވެ.

ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާ ވިދާޅުވީ މިނުވަންގޮޑާ ކްލަސްޓާއާ ގުޅޭ އަސްލު ހޯދަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލަންކާ އިން މިހާތަނަށް ވަނީ 4،252 މީހުން ޕޮޒިޓިވްވެ 13 މީހުން މަރުވެފަ އެވެ.