އޮފިސަރަކު ޕޮޒިޓިވްވުމުން އެމެރިކާގެ އަސްކަރީ ލީޑަރުން ކަރަންޓީނަށް
އޮފިސަރަކު ޕޮޒިޓިވްވުމުން އެމެރިކާގެ އަސްކަރީ ލީޑަރުން ކަރަންޓީނަށް

ވޮޝިންޓަން (އޮކްޓޯބަރު 7) - ކޯސްޓްގާޑުގެ ސީނިއާ އޮފިސަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް، ޖެނެރަލް މާކް މިލޭ އާއި އަސްކަރިއްޔާގެ އެހެން ސީނިއާ އޮފިޝަލުން ކަރަންޓީނަށް ވަޑައިގެންފި އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ އެމެރިކާގެ ކޯސްޓް ގާޑުގެ ވައިސް ކޮމާންޑެންޓް އެޑްމިރަލް ޗާލްސް ރޭ އެވެ. ޕެންޓަގަނުން ބުނީ އަސްކަރިއްޔާގެ އިސް އޮފިސަރުން ކަރަންޓީނަށް ވަޑައިގެންނެވީ އެ ބޭފުޅުން މިދިޔަ ހަފުތާގައި ރޭއާ އެކު ބައްދަލުވުމެއް ބާއްވާފައިވާތީ ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާގެ އިސް އެހެން އޮފިސަރަކު މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

އެޑްމިރަލް ރޭ ޕޮޒިޓިވްވި ގޮތެއް ނޭނގެ އެވެ. ކޯސްޓް ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޑްމިރަލް ރޭ ވަނީ ސެޕްޓެމްބަރު 27 ގައި ވައިޓް ހައުސްގައި ބޭއްވި ގޯލްޑް ސްޓާ އާއިލާތަކުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ކަމަށެވެ. އޭގެ އެއް ދުވަސްކުރިން ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ބޭއްވި އިވެންޓަކުން ވަނީ ގިނަ ބަޔަކު ޕޮޒިޓިވްވެފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން ހަތަރު ދުވަހު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އެމެރިކާ އިން މިހާތަނަށް ވަނީ 7.7 މިލިއަން މީހުން ޕޮޒިޓިވްވެ 215,836 މީހުން މަރުވެފަ އެވެ.