06 އޮކްޓޯބަރ 2020 - 23:03

ކޮވިޑް-19 އަށް އިތުރު 54 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 45 ދިވެހިންނާއި ނުވަ ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ރަށްރަށުންނާއި ރިސޯޓްތަކުންނެވެ. ބާކީ 52 މީހުންނަކީ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 93 މީހަކު ކޮވިޑް-19 އިން ރަނގަޅުވެފައިވެ އެވެ.
މާލޭގެ އިތުރުން 22 ރަށެއްގަ އާއި 10 ރިސޯޓެއްގައި ކޮވިޑްގެ ބަލި މީހުން ތިބި ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 10 ޓޫރިސްޓަކާއި 15 ރިސޯޓް މުވައްޒަފުން ހިމެނެ އެވެ.
ކޮވިޑް އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާއި އެކު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ. އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 37 މީހުންނެވެ.
މިހާތަނަށް ޖުމްލަ 10،621 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1،114 މީހުންނެވެ. ބަލީގައި މަރުވެފައި ވަނީ 34 މީހުންނެވެ.