އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްގެން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފާނެ: ޑިފެންސް
އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްގެން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފާނެ: ޑިފެންސް

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެއާ ގުޅުން ހުރި މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ގުޅޭގޮތުން "ދިޔަރެސް" ނޫހުން އެ މިނިސްޓްރީއާ ސުވާލުކޮށް، އެ މައުލޫމާތު ނުލިބުމުން އެ މައްސަލަ ވަނީ އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެހެންވެ، މިއަދު އިންފޮމޭޝަން ކޮމިޝަނަރު ހުސެން ފިޔާޒު ވަނީ އާއްމު އަޑުއެހުމެއްގައި، އެ ސުވާލު، ބައްދަލުވުމުގައި އެ މިނިސްޓްރީން ބައިވެރިވެ ވަޑައިގެންނެވި އެތަނުގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ޝިމާހުއާ ކުރައްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީގައި އެދިފައިވަނީ، އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލިކޮޕްޓަރާއެކު ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިންނާއި އެ ނޫން ވެސް ބޭނުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޖުމްލަ އަދަދާއި އެ ސިފައިންނަށް ކުރާ ހަރަދުގެ ތަފްސީލު ދިނުމަށެވެ. އެކަމަކު އޭގެ ޖަވާބުގައި އޭރު ވެސް މިނިސްޓްރީން ބުނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުކަމަށް ވުމުން އޭގެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޑިފެންސްގެ ޝިމާހު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއްގެ ގޮތުގައި ކަނޑައަޅަނީ، ސިފައިންގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ލަފާދޭ މަޖިލީހަކުން އެ އިރެއްގެ ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ. އަދި ގައުމީ ސަލާމަަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ނުވަތަަ އެ މައުލޫމާތެއް ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެކަމުގެ ބިރު އޮތް ނަމަ، އެ މައުލޫމާތު ހިފެހެއްޓުމުގެ އިހްތިޔާރު އެ އިދާރާއަކަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެހެން ގައުމަަކާ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާއަކާ އޮތް ގުޅުމެއްގެ ތެރެއިން ނުވަތަ އެއްބަސްވުމެއްގެ ތެރެއިން ލިބޭ މައުލޫމާތު، އޭގެން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އަސަރުކޮށްފާނެ ފަދަ ހާލަތެއް އޮތް ނަމަ އާއްމުނުކޮށް ހިފެހެއްޓިދާނެ ކަމަށް ވެސް ޝިމާހު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ފިޔާޒް ވަނީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ސިފައިން ގެނައުމުގެ އެއްބަސްވުމުގައި އެކަން ސިއްރު ކުރުމަށް އޮތްތޯ އައްސަވާފަ އެވެ. އަދި ސިއްރު ކުރަން އެއްބަސްވެފައި އޮތް ނަމަ، އެ މައުލޫމާތު ހޯދުމަށް ކޮމިޝަނަރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިމާހު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގާތް ގުޅުމެއް ކަމަށާއި އެހެންވެ، އެއްބަސްވުމުގައި އޮތަސް އަދި ނެތަސް، ބައެއް މައުލޫމާތު އާއްމުކޮށްފިނަމަ އެ ގުޅުމަށް އަސަރު ކުރާނެ ކަމަށެވެ. އަދި ރާއްޖެ އަކީ ވަރަށް ޑިޕްލޮމެޓިކް، އަވަށްޓެރިންނާ ގުޅުން ބާއްވާ ގައުމެއް ކަމަށާއި އެހެންވެ، އެ ފަދަ މައުލޫމާތު އާއްމު ކުރުމުގައި ގިނަ ކަންކަމަށް ބަލަން ޖެހޭނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފިޔާޒު ވިދާޅުވީ ބައެއް ފަހަރު ގައުމީ ސަލާމަތަށް ކަމަށް ބުނެ މައުލޫމާތު ފޮރުވާ ކަމަށާއި އެހެންވެ، އޭގެ އެންމެ ފުރިހަމަ މައުލޫމާތު ހޯދޭނީ، ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް ވުރެ ކަމާ ގުޅޭ އިސް ބޭފުޅުންނާއެކު ވަކިން ބައްދަލުވުމެއް ބާއްވައިގެން ކަމަށެވެ. އަދި އެ ބައްދަލުވުން ސިއްރު ކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޑުއެހުމުގެ ތެރެއިން އަޒާނަށް ދިން ފުރުސަތެއްގައި އޭނާ ވަނީ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްގެން، ގައުމީ ސަލާމަތަށް ނުރައްކާވަނީ ކޮން ގޮތަކަށްތޯ ސުވާލުކޮށްފަ އެވެ. ފަޔާޒު ވިދާޅުވީ އޭގެ ޖަވާބު ޝިމާހުއަށް ނުދެއްވޭނެ ކަމަށާއި އެހެންވެ، އެ މައުލޫމާތު ސާފުކުރެއްވުމަށް، އެހެން ބައްދަލުވުމެއް ބާއްވައި އެކަން ސާފުކޮށްދޭނެ ކަމަށެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.