06 އޮކްޓޯބަރ 2020 - 16:31

ސޯޝަލް މީޑިއާގައި ތިން ފުލުހެއްގެ ފޮޓޯ އާއްމުކޮށް އެ މީހުން މަރަން ގޮވި މައްސަލައިގައި ހަ މަހަށް ޖަލަށް ލާން، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާގޮތުން، އިންޒާދިންކަމުގެ ކުށް ސާބިތުވެ މިިދިޔަ އާދިއްތަ ދުވަހު ޖަލަށް ލާން ހުކުމްކޮށްފައިވަނީ، ހދ. ކުޅުދުއްފުށީ، މަންޒިލް، މުހައްމަދު ވަހީދު އިބްރާހިމް، 20، ގެ މައްޗަށެވެ. މިއީ އޭނާގެ މައްޗަށް މިފަދަ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
ތަހުގީގު އަދި ޝަރީީއަތުގެ މަރުހަލާގައި ވެސް އެ ކުށަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ނިންމީ ކަމަށް ބުންޏެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
"މުހައްމަދު ވަހީދު އިބްރާހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިންޒާރު ދިނުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ....ގާނޫނުގެ ދަށުން މުހައްމަދު ވަހީދު އިބްރާހީމް، ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ގަޟިއްޔާގައި ވެ އެވެ،" ވެބްސައިޓުގައި ބުންޏެވެ.