ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވަން ހިންގާ ޕްރޮގްރާމަށް އެޗްއާރުސީއެމުން މަރުހަބާ ކިޔައިފި
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވަން ހިންގާ ޕްރޮގްރާމަށް އެޗްއާރުސީއެމުން މަރުހަބާ ކިޔައިފި

ސައްހަ ލިޔެކިޔުމެއްނެތި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން، އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު މަރުހަބާ ކިޔައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރެއްވުމަށްފަހު އެޗްއާރުސީއެމުން ކުރި ޓްވީޓެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައިދިނުމަށާއި ގައުމަށް އެނބުރި ދާން ބޭނުންވާ ބިދޭސީންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމަށް އެ ކޮމިޝަނުން މަރުހަބާ ކިޔާ ކަމަށެވެ.

އޭގެ އިތުރުން، އެޗްއާރުސީއެމަށް އަލަށް އައްޔަންކުރެއްވި މެމްބަރުން ވަނީ ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އިސްވެރިންނާ ވެސް މިދިޔަ އާދިއްތަ ދުވަހު ބައްދަލު ކުރައްވައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ވަޒީފާ ދޭ ފަރާތުން އެ ބިދޭސީންނަށް "އެކޮމޮޑޭޝަން" ހަމަޖައްސައިދިނުމުގެ އުސޫލު ތަންފީޒުކުރުމަށް މަސައްކަތްކޮށްދިނުމަށް އެދިފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ނަތީޖާތަކެއް ވެސް ހާސިލް ކުރެވިފައި ވެ އެވެ. އެގޮތުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 40،000 އަށްވުރެ ގިނަ މީހުން، ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓަރީވެފައިވާއިރު އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލާފައި ވެ އެވެ. މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރިން ވިދާޅުވެފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ފައްޔާޒު މީގެ ކުރިން ވިދާޅުވީ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ކަނޑުބޯޓެއްގައި ފޮނުވާނުލެވޭނެ ކަމަށެވެ. އެ މީހުންނަށް ފޮނުވައިލުމަށް ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށާއި ގަދަކަމުން އެމީހުން ފޮނުވާލަން އުޅޭ ނަމަ އެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.