06 އޮކްޓޯބަރ 2020 - 12:16

ވޮޝިންޓަން (އޮކްޓޯބަރު 6) - ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި ހަތަރު ދުވަސްވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮސްޕިޓަލުމުން ދޫކޮށްލުމުން، ވައިޓް ހައުސް އަށް ވަޑައިގަތުމާ އެކު، މާސްކް ނަންގަވައިފި އެވެ.
ހޮސްޕިޓަލުން ދޫކޮށްލުމާ އެކު ޓްރަމްޕް ވަނީ ކޮރޯނާވައިރަހާ މެދު ބިރުނުގަތުމަށް އެދިވަޑައިގެން ޓްވީޓް ކުރައްވައިފަ އެވެ. ވޯލްޓާ ރީޑް ހޮސްޕިޓަލުން ޓްރަމްޕް ނުކުމެވަޑައިގެންނެވީ އަމިއްލަފުޅަށެވެ. އެއަށް ފަހު ހެލިކޮޕްޓަރަށް އަރައިވަޑައިގަތީ ވެސް އަމިއްލަފުޅަށެވެ. ވައިޓް ހައުސްގައި ހެލިކޮޕްޓަރު ޖެއްސުމާ އެކު ޓްރަމްޕް ފައިބައިވަޑައިގެން، ވަޑައިގެންނެވީ ސައުތު ޕޯޓިކޯގެ ބެލްކަންޏަށެވެ. ދެން މާސްކް ނަންގަވައިގެން 23 ސިކުންތުގެ ސެލިއުޓެއް މެރިން ވަން ހެލިކޮޕްޓަރުގެ ސިފައިންނަށް ދެއްވި އެވެ.
"ވަރަށް އަވަހަށް ކެމްޕޭން މަސައްކަތްތައް ފަށާނަން،" ޓްރަމްޕް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވި އެވެ.
ޓްރަމްޕް ދެން އެދިވަޑައިގެންނެވީ އެއްވެސް މީހަކު ކޮވިޑް-19 ދެކެ ބިރު ނުގަތުމަށެވެ. އަދި އެމަނިކުފާނަށް ކޮވިޑް-19 ގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވި ނަމަވެސް މިހާރު އިހްސާސް ކުރެވެނީ "މާ ބޮޑު ޒުވާންކަމެއް" ކަމަށް ވިދާޅުވި އެވެ.
ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވީ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ޓްރަމްޕުގެ ފަރުވާ ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމެރިކާގެ ޕަބްލިކް ހެލްތު ގައިޑްލައިންގައި ބުނާ ގޮތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.
ޓްރަމްޕް ޕޮޒިޓިވްވި އިރު ވައިޓް ހައުސް އިން ވެސް ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ ވެސް ހިމެނެ އެވެ.
އެމެެރިކާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 7.6 މިލިއަން މީހުން ޕޮޒިޓިވްވެ 215،000 މީހުން މަރުވެފަ އެވެ.