30 އޮކްޓޯބަރ 2016 - 14:06

ލަންޑަން (އޮކްޓޯބަރު 30) - އިނގިރޭސި ޕްރިމިއާ ލީގު މިފަހަރު ވަރަށް ވާދަވެރި ކަމަށާއި ލީގު ޓޭބަލަށް ބަލައިގެން މެޗުތައް ކުޅެން ފަސޭހަނުވާނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް އޮތީ އެއްވަރަށް ޕޮއިންޓު ލިބިފަ އެވެ. ތިން ޓީމަށް ވެސް ވަނީ 10 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް 10 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ ނުވަ މެޗުން 19 ޕޮއިންޓާ އެކު އެވެ. މިރޭ ރަށުން ބޭރުގައި ސައުތެމްޓަން ބަލިކޮށްފިނަމަ ޗެލްސީ އަށް ލީގުގެ ހަތަރު ވަނަ ލިބޭނެ އެވެ. އަދި ލީގުގެ އެންމެ ކުރީގައި އޮތް ތިން ޓީމާ އެއް ޕޮއިންޓަށް ގާތް ކުރެވޭނެ އެވެ.
"ލީގު ޓޭބަލަށް ބަލާއިރު ލީގުގެ ވާދަވެރިކަން އެބަފެނޭ. ލީގަށް ވާދަކުރެވޭ ފެންވަރުގެ ފަސް ވަރަކަށް ޓީމު އެބައޮތް. މި ވަގުތު މުހިއްމީ ލީގު ޓޭބަލަށް ބެލުމެއް ނޫން. އެއީ ޓޭބަލަށް ވިސްނައިގެން ކުރިއަށްދާން އުޅެގެން ޕްރެޝަރު ބޮޑުވާނީ. މިހާރު ވިސްނަންވީ ގިނަ މެޗުތަކުން މޮޅުވެ ޓީމުގެ ފޯމް ރަނގަޅުކުރަން،" ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ ސައުތެމްޓަން އަކީ ލީގުގައި ފާއިތުވި އަހަރުތަކުގައި ވެސް ޗެލްސީ އަށް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި އެހެން ނަމަވެސް ޗެލްސީ މިހާރު އޮތް ފޯމަށް ބަލާއިރު މޮޅުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މިރޭގެ މެޗަށް ނުކުންނައިރު ޗެލްސީގެ ސްޕެއިން މިޑްފީލްޑަރު ސެސް ފަބްރެގަސް ހުރީ އަނިޔާގަ އެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުތަކުން ނުފެނުނު ބްރަނިސްލާވް އިވަނޮވިޗް ވަނީ މި މެޗަށް ފިޓްވެފަ އެވެ.
ޓޮޓެންހަމް ފިޔަވައި ލީގުގައި އެންމެ މަދުން ލަނޑު ވަދެފައިވަނީ ސައުތެމްޓަން ކޮޅަށެވެ. ކުޅުނު 10 މެޗުން ސައުތެމްޓަން ކޮޅަށް ވަދެފައިވަނީ ނުވަ ލަނޑެވެ. އެކަމަކު ޗެލްސީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުގައި ވެސް ސައުތެމްޓަން ކޮޅަށް ވަނީ ލަނޑު ވަދެފަ އެވެ.
ސައުތެމްޓަންގެ ކޯޗު ކްލައުޑް ޕުއެލް ބުނީ މިރޭގެ މެޗުގައި ބޭނުންވަނީ އެންމެ ފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ފަދަ މޮޅު ކުޅުމެއް ތަކުރާރުކުރަން ކަމަށެވެ. އަދި ސައުތެމްޓަންގެ ކުޅުންތެރިން ޑިސިޕްލިން ހިފަހައްޓައިގެން ރޭވުންތަކާ އެއްގޮތަށް ކުޅެފިނަމަ ތިން ޕޮއިންޓް ހޯދޭނެ މެޗެއް ކަމަށް ވެސް ޕުއެލް ބުންޏެވެ.
ސައުތެމްޓަން ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.