06 އޮކްޓޯބަރ 2020 - 12:15

ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ އެނދުތައް ފުރި ކޮވިޑް-19 ފެސިލިޓީ ވެސް ބޭނުންކުރަން ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ފުނަދޫގައި ކޮވިޑް-19 ފެސިލިޓީ ހަދާފައި ވަނީ އެ ރަށުގައި ހުރި އަތޮޅު ހޮސްޕިޓަލުގައި މީގެ ކުރިން ބޭނުންކުރަމުން އައި ޖެނެރަލް ވޯޑުގަ އެވެ. އޭގެ ބަދަލުގައި ޖެނެރަލް ވޯޑެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ހޮސްޕިޓަލް އޯޕީޑީ ކައިރީގައި އަށް އެނދުގެ ވޯޑެއް ހަދައިގެންނެވެ.
ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "މިހާރު" އަށް ވިދާޅުވީ މިހާރު ކޮވިޑް-19 ފެސިލިޓީގެ ގޮތުގައި ނަގާފައިވާ ވޯޑަކީ 14 އެނދުގެ ވޯޑެއް ކަމަށެވެ. އެ ވޯޑުގައި އަންހެނުންނާއި ފިރިހެނުން ތިބޭނީ ވަކިން ކަމަށާއި ވިހައިގެން ތިބޭ މީހުންނަށް ފަސޭހަ ވާނެ ގޮތަށް ހާއްސަ ބައެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މިހާރު އާންމު ވޯޑެއްގެ ދީފައިވާ ތަނުގައި ދަތިތައް ވަރަށް ބޮޑު ކަމަށާއި ބައެއް ފަހަރު ކޮވިޑް-19 ފެސިލިޓީ ބޭނުންކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ.
"ވޯޑުގައި ޖާގަ ނެތް ނަމަ ފެސިލިޓީ ހުހަށް އޮތިއްޔާ އެތަނުގަ ސެޓަޕެއް ހަދައިފަ އެތަނަށް ޕޭޝަންޓު ގެންދަނީ. އެކަމަކު އެއީ ގޮތެއް ވެސް ނޫން ވަކި ކަމަކަށް ހާއްސަ ތަނެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ޒުމްރަތު ވިދާޅުވީ އާންމު ހާލަތުގައި ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދަށް ވުރެ މިހާރު ދާ މީހުން ގިނަވެފައިވާ ކަމަށެވެ. މާލެ ނުދެވުމުގެ ސަބަބުން ކައިރި އަތޮޅުތަކުން ވެސް މީހުން ދާ ކަމަށާއި ޑޮކްޓަރުން ވެސް އޯވާލޯޑް ވެ، އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް ގިނަ ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ އެއްގޮތަކަށް ވެސް އެކަށީގެންވާ ވޯޑެއް ނޫން، ހުރިހާ ބަލި މީހުން އެއްތަނެއްގައި މި ބައިތިއްބަނީ. ވިހައިގެން އަންނަ މީހާ ވެސް އެކި ކަހަލަ ހުމާ ބަލި ބަލި ޖެހިފަ ތިބި މީހުން ވެސް،" އޭނާ ވިދާޅުވި އެވެ.
"ތަނުގައި އިކުއިޕްމަންޓް ބެހެއްޓޭނެ ގޮތެއް ވެސް ނެތް. ސްޓޯ ރޫމެއް ވެސް ނެތް. ޖާގަ އެހާ ކުޑަ. އެނދުތައް ހުންނަނީ ވަރަށް ގާތްގާތުގައި. އަޅުގަނޑުމެން ފެސިލިޓީއަށް ދިނީ ވަރަށް ފުރިހަމަ ވޯޑެއް އޭގެ ބަދަލުގައި ލިބުނީ މި."
އޭނާ ބުނީ މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށްދިނުމަށް އެދޭތާ ގިނަ ދުވަސްތަކެއްވީ ފަހުން، ހައްލުކޮށްދޭނަމޭ ބުނީ ވެސް ދާދި ފަހުން ކަމަށް ބުންޏެވެ. ނަމަވެސް އަދި އެކަމާ ގުޅޭ އިތުރު މަޝްވަރާއެއް އަދި އަމަލީ މަސައްކަތެއް ވެސް ފެށިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ފުނަދޫން "މިހާރު"އާ ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ހޮސްޕިޓަލް ވޯޑުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑެވެ. އެތަނުގައި އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނީ ޑޮކްޓަރުން ބޭނުންކުރަން ޖެހޭ އިކުއިޕްމަންޓުތައް ގާތްކޮށްލާނެ ޖާގަ ވެސް އެނދު ދޭތެރޭގައި ނެތް ކަމަށެވެ.
"ދައްތަ ބާއްވައިގެން އެތާ އިން އިރު ޑޮކްޓަރު ގެންގުޅޭ އެއްޗެހި ގާތް ނުކުރެވިގެން އެންމެ ފަހުން ޖެހުނީ ޖެހިގެން އޮތް އެނދުގަ އޮތް މީހާ އެހެން އެނދަކަށް ބަދަލުކުރަން،" އޭނާ ބުންޏެވެ.
"މިހާރު"އާ ވާހަކަދެއްކި އިތުރު މީހެއް ބުނި ގޮތުގައި އެޑްމިޓްކުރަން ޖެހި ޖާގަ ނުލިބިގެން ވެސް މީހުން ތިބެން ޖެހެ އެވެ.
"އިއްޔެ ގާތްގަނޑަކަށް 11:15 ހާއިރު އެތާ ގޮނޑީގަ އިން އަންހެނެއް ކިހިނެއް ވެފަތޯ އަހާލީމަ ބުނީ ގައިގައި ވަރެއް ނެތޭ، ބުންޏޭ އެޑްމިޓްކުރާށޭ ފަސް މިނެޓް މަޑުކޮށްލާށޭ،" އޭނާ ބުންޏެވެ.
"އަހަރެން ޑޮކްޓަރަށް ދައްކާ ނިމި ނިކުންނަން އައި އިރު 12 ޖަހައިފި އޭރު ވެސް އެ މީހާ އެތާނގަ. ދެން އަހާލީމަ ބުނީ ޖާގަ ނުލިބިގެންނޭ."
ފުނަދޫގައި ކޮވިޑް-19 ފެސިލިޓީ ހުޅުވާފައި ވަނީ ޖުލައި މަހުގަ އެވެ. އެ ފެސިލިޓީގައި ޖުމްލަ 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުރެ އެވެ.