ދުނިޔޭގެ ކޮންމެ 10 މީހުންގެ ތެރޭން އެކަކަށް ކޮވިޑް ޖެހިފައިވާނެ ކަމަށް ބެލެވޭ
ދުނިޔޭގެ ކޮންމެ 10 މީހުންގެ ތެރޭން އެކަކަށް ކޮވިޑް ޖެހިފައިވާނެ ކަމަށް ބެލެވޭ

ޖެނީވާ (އޮކްޓޯބަރު 6) - ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހުންގެ ތެރޭން އެކަކަށް ކޮވިޑް-19 ޖެހިފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ދުނިޔޭގައި މިހާތަނަށް 35.6 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވީ ނަމަވެސް ޑަބްލިއުއެޗްއޯ އިން ލަފާކުރަނީ 800 މިލިއަން މީހުންނަށް އެ ބަލިޖެހިފައިވާނެ ކަމަށެވެ. ތަޖްރިބާކާރުން އަބަދުވެސް ބުނަމުން ދަނީ ތަފާސްހިސާބުތަކުން ފެންނަ އަދަދުތަކަށް ވުރެ ހަގީގީ އަދަދުތައް މާބޮޑުތަން މަތިވާނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެނުނުތާ 10 މަސް ދުވަސްވީއިރު ބަލި ކޮންޓްރޯލް ކުރެވިދާނެ ފަދަ އަލާމާތެއް އަދި ނުފެނެ އެވެ. ގިނަ ގައުމުތަކުން މިހާރު ދަނީ ބަލީގެ ދެ ވަނަ ރާޅެއް ފެންނަމުންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުން ބަލި ފެންނަ ނިސްބަތް ވަރަށް ބޮޑުތަން ތަފާތު ކަމަށެވެ.

"ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ގައުމަކުންހެން ވެސް ކޮވިޑް-19 ފެނިފައިވާ އިރު ބަލި ޖެހުނު މީހުންގެ 70 ޕަސެންޓް ހިއްސާ ކުރަނީ 10 ގައުމެއް. އަދި ބަލި ޖެހުނު މީހުންގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރަނީ އެންމެ ތިން ގައުމު،" ޓެޑްރޯސް ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔޭން މިހާތަނަށް 35.6 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު 1،045،038 މީހުން ވަނީ މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 26.8 މިލިއަން މީހުންނެވެ.

އެންމެ ގިނަ މީހުންނަށް ބަލިޖެހުނު އެމެރިކާ އިން 7.6 މިލިއަން މީހުންނަށް ޖެހުނުއިރު އިންޑިއާގެ 6.6 މިލިއަން އަދި ބްރެޒިލްގެ 4.9 މިލިއަން މީހުންނަށް ބަލިޖެހިފައިވެ އެވެ.