ގާޒީގެ ނަސޭހަތް އަދީބަށް: ތައުބާ ވެވޭނީ ގެއްލުނު ފައިސާ ހޯދައި ދިނުމުން
ގާޒީގެ ނަސޭހަތް އަދީބަށް: ތައުބާ ވެވޭނީ ގެއްލުނު ފައިސާ ހޯދައި ދިނުމުން

ތައުބާވި ކަމަށް ކަމަށް ވާނީ ބޮޑު ޚިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދައި ދެއްވުމުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ހުކުމް އިއްވެވި ގާޒީ އަދީބަށް މިއަދު ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރި ހަތް ދައުވާއަށް އޭނާ އެއްބަސްވެ ވަޑައިގަތުމުން އޭނާ 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ވަނީ ހުކުމްކޮށްފަ އެވެ. އޭނާ ކުރީގެ އަޑުއެހުމުގައިވަނީ ދައުވާ އަށް އެއްބަސްވުމުގެ އިތުރުން އެކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފަ އެވެ. އަދި ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށް އަދީބު އެ އަޑުއެހުމުގައި ވިދާޅުވެފައިވެ އެވެ.

މިރޭ އަދީބުުގެ މައްޗަށް ހުުކުމް އިއްވައި ނިންމެވުމަށް ފަހު، އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ވަނީ އަދީބަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ. ގާޒީ ހަސަން ވިދާޅުވީ އަދީބު ކުރެއްވި ކަންތައްތަކަކީ މުޅި ދިވެހި ދައުލަތް ފަލީހަތްވެގެން ދިޔަ ކަންތައްތަކެއް ކަމަށާއި އޭގެ ސަބަބުން ގެއްލުނީ އެންމެ މީހެއްގެ ހައްގެއް ނޫން ކަމަށެވެ. އިންސާފު ގާއިމުވެ، ތައުބާވެވުނު ކަމަށް ވާނީ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދައިދީ، އެ ޚިޔާނާތުގެ ހަގީގަތް ހާމަ ކުރުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

"މި ފައިސާ އަނބުރާ ދެވުނު ގޮތަކަށް ދެއްވުން. އެހެން ނޫނީ ތައުބާވި ކަމަކަށް ނުވާނެ،" ގާޒީ ހަަސަން ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުގެ މަތީ މަގާމުތައް އަދީބަށް ލިބިވަޑައިގަތް ގޮތް ހަނދާން އެބަހުރިތޯ ވިދާޅުވެ، އޭރު އަމަލު ކުރެވުނު ގޮތާ މެދު ވިސްނައިވަޑައިގަތުމަށް ގާޒީ އެދިވަޑައިގަތެވެ. އަދި މަގާމުގައި ހުންނެވި ވަގުތު ކައިރީގައި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، މިއަދު އަދީބު ހުންނަވަން ޖެހިވަޑައިގަންނަވާނީ ގިނިކަންޏާ ކަމަށާއި އެ މީހަކާ މެދު އަޅާލަން ހުންނާނީ އެ މީހަކު އަމިއްލައަށް ކަން ވެސް ގާޒީ ހަނދާންކޮށް ދެއްވި އެވެ.

"ނަފުސު ވިއްކާލި މީހަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ގާޒީ ހަސަން ވިދާޅުވި އެވެ.

އަދީބު ޖަލަށްލުމާ އެކު ދެ މިލިއަން ރުފިިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކުރިޔަސް، އެމްއެމްޕީއާރުސީގެ ޚިޔާނާތުން ގެއްލުނު ފައިސާތައް އަނބުރާ ދައްކަން ހުކުމުގައި އަންގާފައެއް ނުވެ އެވެ. މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން އެ ފައިސާ ހޯދަން ޖެހޭނީ މަދަނީ ވަކި ދައުވާތަކެއް ކޮށްގެންނެވެ.

އަދީބު ކުށަށް އެއްބަސްވީ އޭނާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދީބު ކުށަށް އެއްބަސްވުމުން 20 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.