ރިސައިކަލްކުރަން ދޭ ޑިވައިސްތައް ވިއްކި ކަމަށް ބުނެ އެޕަލް އިން ދައުވާކޮށްފި
ރިސައިކަލްކުރަން ދޭ ޑިވައިސްތައް ވިއްކި ކަމަށް ބުނެ އެޕަލް އިން ދައުވާކޮށްފި

އެޕަލް އިން ނައްތައިލާ ޑިވަސްތައް ރިސައިކަލްކުރަން ޕާޓްޝިޕެއްގެ ދަށުން ކުރިން އެކުގައި މަސައްކަތްކުރި ގްލޯބަލް އިލެކްޓްރިކް އިލެކްޓްރޯނިކްސް ޕްރޮސެސިން (ގީޕް) އިން ޑިވައިސްތައް ނައްތާލުމުގެ ބަދަލުގައި މަރާމާތުކޮށްގެން އަލުން ވިއްކި ކަމަށް ބުނެ އެޕަލް އިން ދައުވާކޮށްފި އެވެ.

މި މައްސަލާގެ ދައުވާގައި އެޕަލް އިން ބުނެފައިވަނީ ޖެނުއަރީ 2015 އިން ފެށިގެން ޑިސެމްބަރު 2017 އާ ހަމައަށް ރިސައިކަލްކުރަން އެޕަލް ކުންފުނީގެ އައިފޯނާއި އައިޕެޑާއި އެޕަލްވޮޗްގެ 500،000 އަށް ވުރެ ގިނަ ޑިވައިސް ގީޕާ ހަވާލުކުރި ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ހެދި އޮޑިޓަކުން ދައްކާ ގޮތުގައި އޭގެ ތެރެއިން 18 ޕަސެންޓް ޑިވައިސްތަކަށް އިންޓަނެޓުން އެކްސެސްވެ އެވެ. އެކަން އެގޮތަށް ދިމާވެފައި ވަނީ ތަކެތި ރިސައިކަލްކުރުމުގައި އިހުމާލުވެ، ގީޕުން އެއްބަސްވުމާ މުޅިން ހިލާފަށް ތަކެތި އަލުން ބޭނުންކުރެވޭ ގޮތް ހަދައި ވިއްކާތީ ކަމަށް ދައުވާގައިވެ އެވެ.

ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި، ރިސައިކަލްކުރަން ހަވާލުކުރި ތަކެތީގެ ތެރެއިން 11,766 ޕައުންޑް (5336.9678 ކިލޯ) ގެ ތަކެތި ނައްތާނުލައި، ގީޕްގެ ފެކްޓްރީތަކުގައި ރައްކާކޮށްފައި ހުރިކަން އެނގުމާއި ނައްތައިލަން ދިން ޑިވައިސްތަކުގެ ތެރެއިން 103,845 ފޯނާއި އައިޕެޑާއި އެޕަލް ގަޑި ވިއްކާފައިވާކަން ފަޅާއެރުން ހިމެނެ އެވެ.

މިކަމާ ގުޅިގެން އެޕަލް އިން ގީޕަށް ދައުވާކުރީ ލިބުނު ގެއްލުމުގެ ބަދަލަށް 31 މިލިއަން ކެނެޑާ ޑޮލަރު (27.7 މިލިއަން ޑޮލަރު) ހޯދުމަށެވެ.

މި މައްސަލާގައި ގީޕުން ބުނީ އެޕަލްއާ އެކު ހެދި އެއްބަސްވުމާ ހިލާފުވެފައި ނުވާނެ ކަމަށެވެ. އަދި އޮޑިޓުން ދެއްކި މައްސަލަތަކަށް ވެސް އެ ކުންފުނިން ވަނީ އިންކާރުކޮށްފަ އެވެ. ގީޕުން ބުނިގޮތުގައި އެތަނުގެ މެނޭޖްމަންޓުން އެޕަލްގެ އެއްބަސްވުމާ އެއްވެސް ސިފަފައެއްފައި ހިލާފުވެފައެއް ނޯންނާނެ އެވެ. އެކަމަކު އެތަނުން ވައްކަންކޮށްފައިވާ ކަމަށާއި އެކަމުގައި ތިން މުވައްޒެއްފަކު ޝާމިލުވާ ކަމަށް ބެލެވިފައިވާތީ އެ މައްސަލާގައި ދައުވާކުރަން ނިންމާފައި ކަމަށް ބުންޏެވެ.

ނަމަވެސް ގީޕްގެ އެ ވާހަކަތައް އެޕަލް އިން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ދައުވާ އިން ރެކެން ގީޕުން ވައްކަމުގެ ތުހުމަތު އަޅުވާ ތިން މުވައްޒަފުންނަކީ ގީޕްގެ ސީނިއާ މެނޭޖްމަންޓްގެ ބަޔަކަށްވުމެވެ.