05 އޮކްޓޯބަރ 2020 - 13:40

ހއ. ހޯރަފުށީ އެއާޕޯޓަށް އަރައި ފައިބަން ވަކި ޖެޓީއެއް ހަދަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ހޯރަފުށީ އެއާޕޯޓްގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވާއިރު އެ އާޕޯޓަށް ލަފާ ފުރަން ވަކި ޖެޓީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް ހއ. އަތޮޅުގެ 12 ރަށަކުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފަ އެވެ. އެރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުމަކީ އެއާޕޯޓަށް ދިއުމަށް ހޯރަފުށްޓަށް ފައިބައިގެން ވެހިކަލެއްގައި އަނެއްކާވެސް ދަތުރުކުރަން ޖެހުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި އަސްލަމާ އެ ސުވާލު ކުރެއްވީ އިހަވަންދޫ ދާއިރާގެ މެމަބަރު މުހައްމަދު ޝިފާއު އެވެ. ޖެޓީއެއް އަޅާ ގޮތަށް އޮތް ނަމަ އެ މަސައްކަތް ކުރާނެ ތަރުތީބަކީ ކޮބައިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ. އަސްލަމް ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް ވަކިން ޖެޓީއެއް އަޅަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ.
އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ. މިއީ ހޯރަފުށީ ބަނދަރާ ވަރަށް ދުރެވެ.