ކޮވިޑާ ހެދި ނަޕޯލީ ދަނޑަށް ހާޒިރެއްނުވި
ކޮވިޑާ ހެދި ނަޕޯލީ ދަނޑަށް ހާޒިރެއްނުވި

ޓިއުރިން (އޮކްޓޫބަރު 5) - އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ނަޕޯލީ ރަށުން ބޭރުގައި ކުޅެން ހަމަޖެހިފައި އޮތް މެޗަށް، ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން ނަޕޯލީން ހާޒިރެެއްނުވި އެވެ.

ރޭގެ މެޗަށް ޔުވެންޓަސް ކުޅުންތެރިން ދަނޑުގައި ތިބިތާ 45 މިނިޓް ފަހުން މެޗު ނިންމާލަން ރެފްރީން ނިންމީ ނަޕޯލީ ކުޅުންތެރިން ދަނޑަށް ހާޒިރުނުވާތީ އެވެ. އިޓާލިއަން ލީގުގެ ގަވާއިދުގައިވާ ގޮތުން މެޗަށް ޓީމެއް ހާޒިރުނުވެއްޖެނަމަ އިދިކޮޅު ޓީމަށް 3-0 އިން މެޗު ލިބޭނެ އެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތެއް ކަމަށްވާތީ އަދި އިޓާލިއަން ލީގުގެ ބޯޑުން މިކަމާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ނަޕޯލީން ރޭގެ މެޗަށް ހާޒިރުނުވީ ނޭޕްލްސްގެ ކެމްޕާނިއާ ރީޖަންގެ ހެލްތު އޮތޯރިޓީން އިން ނަޕޯލީ ޓީމު ހޯމް އައިސޮލޭޝަނެއްގައި ތިބުމަށް އަންގާފައިވާތީ އެވެ. ނަޕޯލީގެ ކުޅުންތެރިން ހޯމް އައިސޮލޭޝަނެއްގައި ތިބެން އެންގީ އެ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޕިއޮޓްރޭ ޒިއެލިންސްކީ އާއި އެލިފް އެލްމާސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ.

ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ވިދާޅުވީ ނަޕޯލީގެ ރައީސް އައުރޭލިއޯ ޑި ލޯރެންޓިސްގެ ފަރާތުން ރޭގެ މެޗު ފަސްކުރަން ހުށަހެޅުމެއް ލިބުނު ކަމަށާއި އެކަމަކު އެއީ ޔުވެންޓަސްގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން ގަވާއިދުގެ ތެރެއިން މެޗުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ފުރުސަތުދޭނެ ކަމަށް ވިދާޅުވި އެވެ.

"މެޗަށް ހާޒިރުނުވީމަ ޔުވެންޓަސް 3-0 އިން މޮޅުވާން ގަވާއިދުގައި އޮތަސް އަހަރެމެން އެ ގޮތަށް ބޭނުމެއް ނޫން. އަހަރެމެން ބޭނުންވަނީ ކުޅެގެން މޮޅުވާން،" އަގްނެލީ ވިދާޅުވި އެވެ.

ނަޕޯލީގެ އިތުރުން ޔުވެންޓަސް އިން ވެސް މި މެޗުގެ ކުރިން ޕޮޒިޓިވް ކޭސްތަކެއް ފެނުނެވެ. އެއީ ޕްރޮޓޮކޯލްގެ ތެރެއިން މެޗުގެ ކުރިން ކުރި ޓެސްޓްތަކުން ޔުވެންޓަސްގެ ދެ ސްޓާފުން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެކަމަކު ކުޅުންތެރިއަކު ޕޮޒިޓިވްނުވާތީ އާއި ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެކު ޔުވެންޓަސް އިން މެޗަށް ހާޒިރުވީ އެވެ.

ލީގުގެ ބޯޑުން ބުނީ މެޗު ކުރިއަށްގެންދެވޭނެ މާހައުލު ސިއްހީ ގޮތުން ބަލާއިރު ގާއިމުވެ އޮތް ކަމަށާއި މީގެ ދެން ވިސްނަން ޖެހޭނީ ނަޕޯލީ އަށް ކުރިމަތިވި ދަތިތަކަށް ކަމަށެވެ. މި ހަފްތާގައި އިޓާލިއަން ލީގުގައި ކުރި ޓެސްޓްތަކުން ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވި ނަމަވެސް އެ ކުޅުންތެރިން ހިމެނޭ ޓީމުތަކުގެ މެޗުތައް ސިއްހީ ސަލާމަތުގެ ޕްރޮޓޮކޯލް ތެރެއިން ކުރިއަށް ގެންދެވުނު ކަމަށް ލީގުގެ ބޯޑުން ވަނީ ބުނެފަ އެވެ.

ނަޕޯލީ އަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ކޮވިޑް-19އާ ހެދި ޝެޑިއުލް ކޮށްފައި އޮތް މެޗަކަށް ހާޒިރުނުވި ފުރަތަމަ ޓީމެވެ. ނަޕޯލީގެ ކޯޗު ޖެނާރޯ ގަޓޫސޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެ ކްލަބުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ޔުއެފާ އިން ކޮވިޑާ ގުޅިގެން އެކުލަވާލި ގަވާއިދުގައިވާ ގޮތުން ކީޕަރު ހިމެނޭ ގޮތަށް ފުރަތަމަ ޓީމުގެ 13 ކުޅުންތެރިން ފިޓްކޮށް ތިބެއްޖެނަމަ މެޗު ކުޅެވޭނެ އެވެ. މެޗު ފަސްކުރަން ޖެހޭ ހާލަތަކީ މެޗު ކުޅެވޭ ހާލަތުގައި 13 ކުޅުންތެރިން ނެތުމެވެ.

އިޓާލިން ލީގުގެ އެއް ވަނައިގައި އޮތް އެޓަލަންޓާ އާއި ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ނަޕޯލީ މެޗުގެ ތިން ޕޮއިންޓް ޔުވެންޓަސް އަށް ދީފިނަމަ އެ ޓީމަށް ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށް ލީގުގެ ތިން ވަނަ އަށް އެރޭނެ އެވެ.