އެއްބަސްވީ އަދީބު 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން
އެއްބަސްވީ އަދީބު 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަށް އިއުތިރާފްވެ ވަޑައިގަތުމުން އަދަބެއްގެ ގޮތުގައި 20 އަހަރަށް ޖަލަށް ލުމާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން އަދީބާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ދައުވާއެއް އަދީބަށް ވަނީ ކޮށްފަ އެވެ.

އުފުލި ދައުވާތަކަށް އެއްބަސްވި ހުކުމްތަކަކީ؛ ހަތަރު އަހަރާއި ނުވަ މަސް، ދެ އަހަރާއި ހަތަރު މަސް، ހަ މަސް، ތިން މަސް، ފަސް އަހަރާއި 11 މަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

އަދީބާ އެކު އެއްބަސްވި އަދަބާ ބެހޭ ތަފްސީލް ދައުލަތުން ޝަރީއަތަށް ހުށަހެޅުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ހުކުމް ކުރުމުގެ ޝަރީއަތް މި މަހުގެ 12 ވަނަ ދުވަހު ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލައެއް ކަމަށް ވާތީ، އިއުތިރާފުވި ޝަރީއަތުގެ މަޖިލީހަށް ފަހު ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ. ނަމަވެސް ގާޒީ ވިދާޅުވީ ހަތް ދައުވާގެ ހުކުމް ވަކިން ލިޔަން ޖެހޭ ކަމަށާއި އެހެންވެ މިއަދު އެކަން ނިންމުން ދަތިވާނެ ކަމަށެވެ.

މިއަދު ހުކުމް ކުރަން ޖެހޭނެ ކަމަށް ދައުލަތުން ތަކުރާރުކޮށް ފާހަގަކުރުން ޝަރީއަތް މެދުކަނޑާލުމަށް ފަހު ނިންމީ ހުކުމް ކުރުމުގެ ޝަރީއަތުގެ މިއަދު ހަވީރު ބޭއްވުމަށެވެ.

ކުރިން މި ހަތް ދައުވާ ކްރިމިނަލް ކޯޓުން ކުރިން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އަލުން ކްރިމިނަލް ކޯޓުން މައްސަލަ ބަލަން އެންގުމުން މިދިޔަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ފައިސާތައް ހޯދަންޖެހޭ ކަމަށާއި އެކަމުގައި އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ދައުލަތުން ކުރި ހަތް ދައުވާއަށް ވެސް އޭނާ އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އަދި ދައުލަތާ އެކު ވެފައިވާ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް ވީހާ ވެސް ލުއި އަދަބަކަށް ވަނީ އެދިވަޑައިގެންފަ އެވެ.