06 އޮކްޓޯބަރ 2020 - 08:49

އިންޑިއާގެ ލޮކްޑައުންއާ ހެދި ޝޫޓިން ހުއްޓިފައި އޮތް، އެކްޓަރު ޝާހިދު ކަޕޫރްގެ އާ ފިލްމު "ޖާޒީ" ގެ ޝޫޓިން އަލުން މި މަހުގެ ތެރޭގައި ފަށަން ނިންމާފައި ވަނިކޮށް އެ ފިލްމަށް އޭނާ ކުރިން ކީ އަގު ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޖާޒީ" ގެ ނަމުގައި މިދިޔަ އަހަރު ގެނެސްދިން ތެލެގޫ ފިލްމުގެ ރިމޭކަށް ޝާހިދު އެއްބަސްވީ 33 ކްރޯޑް ރުޕީސް (4.6 މިލިއަން ޑޮލަރު) ގެ ފީއަކާ އެކު، ސިނަމާތަކުގައި ފިލްމު ދައްކައިގެން ލިބޭ ފައިދާ އިން ވެސް ބައިއަޅާ ގޮތަށް އެއްބަސްވެގެންނެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފިލްމީ ދާއިރާ އަށް ލިބުނު ހީނަރުކަމާއި އަދި "ޖާޒީ" ގެ ޕްރޮޑިއުސަރަށް އުފުލަން ބުރަ ކުޑަކޮށް ދިނުމުގެ ގޮތުން އަގު 25 ކްރޯޑް ރުޕީސް (3.4 މިލިއަން ޑޮލަރު) އަށް ކުޑަކޮށްފައިވާ ކަމަށްވެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ކަބީރު ސިންގް" އަށް ލިބުނު ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ޝާހިދު ފިލްމު ކުޅެދޭ އަގު ވެސް ބޮޑުކޮށްފައިވާ މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. ކުޑަ ބަޖެޓަކުން ހެދި އެ ފިލްމަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
ޕިންކްވިލާ އިން ބުނިގޮތުގައި "ޖާޒީ" ގެ ޓީމަށް އުފުލަން ޖެހިދާނެ މާލީ ބުރައަކަށްޓަކައި އަގު ކުޑަކުރަން ޝާހިދު ނިންމި އެއް ސަބަބަކީ ފިލްމުގެ މަސައްކަތް ވެސް ވީހާ އަވަހަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ފިލްތަކުން ނަގާ ފީ ކުޑަކުރުމަކީ ޝާހިދަށް އެއްވެސް މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވަނީ ތަރިން ފިލްމު ކުޅެދޭ އަގު މިފަދަ އުނދަގޫ ވަގުތެއްގައި ބޮޑުނުކުރުމަށް ގޮވައި ވެސް ލައިފަ އެވެ.
"ޖާޒީ" އަކީ ޝާހިދާއި އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރް އެކީގައި ފެނިގެންދާނެ ފިލްމެކެވެ. މީގެ ބަތަލާ އަކީ މުރްނާލް ތާކޫރެވެ. "ޖާޒީ" ގެ ހިންދީ ފިލްމު ވެސް ޑައިރެކްޓްކުރަނީ ތެލެގޫ ފިލްމު ވެސް ޑައިރެކްޓަރު ގޯތަމް ތިނައްނޫރީ އެވެ.