05 އޮކްޓޯބަރ 2020 - 11:18

ވޮޝިންޓަން (އޮކްޓޯބަރު 5) - ކޮވިޑްއާ ގުޅޭ ގޮތުން ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ ކަމަށާއި އެ އެއްޗެހި ދަސްވީ "ހަގީގީ ސްކޫލަށް އާދެވުމުން" ކަމަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ކޮވިޑްއާ ގުޅޭ ގިނަ އެއްޗެހި ހަގީގަތުގައި ދަސްވީ ސްކޫލަށް ދެވުމުން،" ފަރުވާ އަށް އެޑްމިޓްކޮށްފައިވާ ވޯލްޓާ ރީޑްސް ހޮސްޕިޓަލްގައި އޮންނަވައިގެން ޓްވިޓާގައި ޓްރަމްޕް ޕޯސްޓް ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވި އެވެ. "ހަގީގީ ސްކޫލަކީ މިއީ. މިއީ ހަމައެކަނި ފޮތުން ކިޔަވާ ސްކޫލެއް ނޫން. އަޅުގަނޑަށް އެކަން އެނގި މިހާރު ތަޖްރިބާ ކުރެވިއްޖެ. ވަރަށް ޝައުގުވެރި."
ވީޑިއޯ ޕޯސްޓް ކުރެއްވިތާ މާގިނައިރެއް ނުވެ، ޓްރަމްޕް ވަނީ މޮޓޯގޭޑުގައި ނުކުންނަވައި ސަޕޯޓަރުންނަށް ސެލިއުޓް ނަންގަވައިފަ އެވެ.
ޓްރަމްޕަށް ފަރުވާ ދޭ ޑޮކްޓަރުން ބުނެފައި ވަނީ އެމަނިކުފާނުގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި ހޯމަ ދުވަހު ވައިޓް ހައުސް އަށް ބަދަލު ކުރުން އެކަށީގެންވާ ކަމަށެވެ.