ޓްރަމްޕުގެ އޮކްސިޖަން ލެވެލް ދެ ފަހަރަށް ދަށްވި
ޓްރަމްޕުގެ އޮކްސިޖަން ލެވެލް ދެ ފަހަރަށް ދަށްވި

ވޮޝިންޓަން (އޮކްޓޯބަރު 5) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، އެމަނިކުފާނުގެ އޮކްސިޖަން ލެވެލް ދެ ފަހަރަށް ދަށަށް ދިޔަ ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވެއްޖެ އވެެ.

ޓްރަމްޕުގެ ހާލަތު ބަޔާންކޮށްދެއްވަމުން ކޯންލީ ވިދާޅުވީ ޓްރަމްޕަށް ވަނީ ސްޓެރޮއިޑެއް ކަމަށްވާ ޑެޒަމެތަސޯން ދޭން ފަށާފައި ކަމަށެވެ. އަދި ރައީސް އަށް އެއް ފަހަރު އޮކްސިޖަން ދޭން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. ފަރުވާ ދޭން ފެށި ފަހުން، ޓްރަމްޕުގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައިވާ ކަމަށާއި ހޯމަ ދުވަހު ވައިޓް ހައުސް އަށް ބަދަލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ކޯންލީ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓްވިޓާގައި ޓްރަމްޕް ޕޯސްޓް ކުރެއްވި ހަތަރު މިނިޓުގެ ވީޑިއޯއެއްގައި ވެސް ވިދާޅުވެފައި ވަނީ "މިހާރު ވަރަށް ބޮޑަށް ރަނގަޅު" ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅު ވާނީ "ހަގީގީ އިމްތިހާނަކަށް" ކަމަށެވެ.

ޓްރަމްޕަށް ފަރުވާ ދޭ ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޯންލީ ވިދާޅުވީ ޓްރަމްޕް ޕޮޒިޓިވްވި ފަހުން މިދިޔަ ހުކުރު ދުވަހު ވަނީ އޮކްސިޖަން ލެވެލް 94 ޕަސެންޓަށް ދަށްވެފައި ކަމަށެވެ. ސިއްހަތު ރަނގަޅު މީހެއްގެ އޮކްސިޖަން ލެވެލް ހުންނާނީ 95 ޕަސެންޓް ނުވަތަ އެއަށްވުރެ މަތީގަ އެވެ. ޑޮކްޓަރު ވިދާޅުވީ ޓްރަމްޕަށް ވަނީ ގަޑިއެއްހާ އިރު ވަންދެން އޮކްސިޖަން ދީފައި ކަމަށެވެ. ޓްރަމްޕަށް ހުކުރު ދުވަހު ވަނީ ރެމްޑިސިވިއާގެ ދެ ޑޯޒް ވެސް ދީފަ އެވެ.

ޓްރަމްޕުގެ އޮކްސިޖަން ލެވެލް ހޮނިހިރު ދުވަހު ވަނީ 93 ޕަސެންޓަށް ދަށްވެފަ އެވެ. އިތުރަށް އޮކްސިން ދިން ކަމަށް ކޯންލީ ވިދާޅެއް ނުވެ އެވެ.

ޑޮކްޓަރު ވިދާޅުވީ ހުކުރު ދުވަހުގެ ފަހުން ޓްރަމްޕް ހުން ނާންނަ ކަމަށެވެ. އަދި ލިވަ އާއި ކިޑްނީ ވެސް ނޯމަލް ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފުއްޕާ މޭގެ ސްކޭން ދައްކާ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ނޫސްވެރިން ކުރި ސުވާލަށް އޭނާ ޖަވާބު ދެއްވައިފައެއް ނުވެ އެވެ.

އުމުރުން 74 އަހަރުގެ ޓްރަމްޕް ހިމެނެނީ ކޮރޯނާވައިރަހަށް ހައި-ރިސްކް ގްރޫޕުގަ އެވެ.

ޓްރަމްޕް ޕޮޒިޓިވްވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް މަހަކަށްވެފައި ވަނިކޮށެވެ.