ހަ މަހަށް ފަހު ލަންކާ އިން ކޮމިއުނިޓީ ކޭހެއް ފެނި، ދެ ޓައުނެއްގައި ކާފިއު އިއުލާންކޮށްފި
ހަ މަހަށް ފަހު ލަންކާ އިން ކޮމިއުނިޓީ ކޭހެއް ފެނި، ދެ ޓައުނެއްގައި ކާފިއު އިއުލާންކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 5) - ސްރީ ލަންކާގައި ކޮމިއުނިޓީ ތެރޭން ކޮވިޑް-19 ގެ ބަލި މީހަކު ނުފެންނަތާ ގާތްގަނޑަކަށް ހަ މަސް ފަހުން، ބަލި މީހަކު ފެނުމާ ގުޅިގެން ހުޅަނގުގެ ޕްރޮވިންސެއްގެ ދެ ޓައުނެއްގައި ކާފިއު ހިންގައިފި އެވެ.

ކޮވިޑް-19 ޕްރިވެންޝަން ޓާސްކް ފޯހުގެ ވެރިޔާ ސިފައިންގެ ކޮމާންޑަރު ޝަވެންދުރަ ސިލްވާ ވިދާޅުވީ ގަމްޕަހާ ޑިސްޓްރިކްޓުގެ ދިވުލަޕިޓިޔާ އާއި މިންވަންގޮޑާ ޓައުންގައި ކާފިއު އިއުލާންކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދިވުލަޕިޓިޔާގެ ގާމެންޓް ފެކްޓަރީއެއްގައި މަސައްކަތް ކުރާ އުމުރުން 39 އަހަރުގެ އަންހެނަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހުން އަންނަން ފެށުމުން ގަމްޕަހާގެ ހޮސްޕިޓަލެއްގައި އެ އަންހެން މީހާ އެޑްމިޓްކުރުމާ ގުޅިގެން އެ ހޮސްޕިޓަލުން ވަނީ 50 ސްޓާފުން ކަރަންޓީންކޮށްފަ އެވެ. ޕޮޒިޓިވްވި މީހާ މިހާރު ވަނީ އިންފެކްޝަސް ޑިޒީޒް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

ސަރުކާރުން ބުނީ އަންހެން މީހާ އަށް ބަލި ޖެހުނު ގޮތް ހޯދާނެ ކަމަށެވެ. އަދި އެ މީހާގެ ހުރިހާ ކޮންޓެކްޓްސް ވެސް ދެނެގަންނާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެ މީހާ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ވަނީ މި މަހު 9 ގައި ދޭން ނިންމާފައިވާ ސްކޫލް ޗުއްޓީ އަވަސްކޮށް މިއަދުން ފެށިގެން ސްކޫލްތައް ބަންދުކޮށްފަ އެވެ.

އޮފިޝަލުން ބުނި ގޮތުގައި މިއީ މިދިޔަ އެޕްރީލް މަހަށް ފަހު ލަންކާ އިން ފެނުނު ކޮމިއުނިޓީ ފުރަތަމަ ކޭހެވެ. މީގެ ކުރިން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ބޭރު ގައުމުތަކުގައި ތިބެފައި ދާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މީހުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ލަންކާގައި މާޗް 20 އިން ފެށިގެން ހިންގި ކާފިއު އެއްކޮށް އުވާލީ ޖޫން 28 ވަނަ ދުވަހު އެވެ. ކާފިއު އުވާލީ ކޮމިއުނިޓީން ބަލި މީހަކު ނުފެންނަތާ ދެ މަސް ފަހުންނެވެ. ލަންކާގެ ބޯޑަރު އަދިވެސް ހުޅުވާލައިފައެއް ނުވެ އެވެ.