އެސްޓަން ވިލާ އިން ލަދުވެތިގޮތަކަށް ލިވަޕޫލް ބަލިކޮށްފި
އެސްޓަން ވިލާ އިން ލަދުވެތިގޮތަކަށް ލިވަޕޫލް ބަލިކޮށްފި

ބާމިންހަމް (އޮކްޓޫބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އިން ލަދުވެތިގޮތަކަށް 7-2 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.

އެސްޓަން ވިލާ އިން ލަދުވެތިގޮތަކަށް ލިވަޕޫލް ބަލިކޮށްފި
އެސްޓަން ވިލާ އިން ލަދުވެތިގޮތަކަށް ލިވަޕޫލް ބަލިކޮށްފި

މިއީ އެންމެ ފަހުގެ ޗެމްޕިއަނެއް ކޮޅަށް ޕްރިމިއާ ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމެއް ބަލިވި އެންމެ ބޮޑު ސްކޯ އެވެ. ލިވަޕޫލާ އެކު ކްލޮޕް އެންމެ ތަފާތު ބޮޑުކޮށް ބަލިވީ މީގެ ދެ އަހަރު ކުރިން މެންޗެސްޓާ ސިޓީ ދަނޑުގައި 5-0 އިންނެވެ.

ވިލާ ޕާކުގައި ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއާން ހެދި ގޯހެއްގެ ފައިދާނަގައި އެސްޓަން ވިލާ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ހެޓްރިކް ހެދި އޮލީ ވަޓްކިންސް އެވެ. އެޑްރިއާން މި މެޗުގައި ކުޅުނީ ހޮނިހިރު ދުވަހު ލިވަޕޫލުން ބޭއްވި ފަރިތަކުރުންތަކުގައި އެ ޓީމުގެ އެއް ވަނަ ގޯލްކީޕަރު އެލިސަން ބެކާ ކޮނޑަށް އަނިޔާވުމުންނެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހު އާއި ރޮބާޓޯ ފިރްމީނޯ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނަގާލިއިރު، ވަޓްކިންސް އެސްޓަން ވިލާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ.

ސަލާހު އަށް އޭރިއާތެރެއިން ލިބުނު ފުރުސަތުން މެޗުގެ 33 ވަަނަ މިނިޓްގައި އޭނާ ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ޖޯން މެގިން ޖެހި ބޯޅައެއް ލިވަޕޫލްގެ ވާޖިލް ވެން ޑައިކް ފައިގައި ޖެހިފައި ގޯލަށް ވަނުމާ އެކު އެސްޓަން ވިލާ އިން އަނެއްކާ ދެ ގޯލުގެ ލީޑެއްނެގި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މަހުމޫދު ޓްރެޒެގޭ ދިން ބޯޅައަކުން ވަޓްކިންސް ވަނީ އެސްޓަން ވިލާ އަށް ހަތަރު ވަނަ ގޯލެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް ކުޅެ ދެ ވަނަ ޑިވިޝަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެސްޓަން ވިލާއާ ގުޅުނު ފަހުން ހެދި ފުރަތަމަ ހެޓްރިކް އެވެ.

ދެ ވަނަ ހާފް ފަށައިގެން ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 55 ވަނަ މިނިޓްގައި އެސްޓަން ވިލާ އަށް ފަސް ވަނަ ލަނޑެއް ޖަހައިދިނީ ދާދި ފަހުން ޗެލްސީން ލޯން އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާއާ ގުޅުނު ރޮސް ބާކްލީ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ އަލެކްސަންޑަ އާނޯލްޑް ފައިގައި ޖެހިފައި ކީޕަރު އެޑްރިއަން އަތްމަތިން ގޮހެވެ. އޭގެ ހަތަރު މިނިޓް ފަހުން ސަލާހް ވަނީ ފިރްމީނޯ ދިން ބޯޅަ އަކުން ލިވަޕޫލަށް އިތުރު ގޯލެއް ޖަހައިދީފަ އެވެ.

އެސްޓަން ވިލާގެ ފަހު ދެ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން ޖެކް ގްރީލިޝް އެވެ. ގްރީލިޝް ޖެހި ފުރަތަމަ ގޯލު ވަނީ ފަބީނިއޯ ގައިގައި ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ މި މެޗުގައި ނުކުޅެ އެވެ. މާނޭގެ މަގާމުގައި ކުޅުނު ޑިއޯގޯ ޔޮޓާ ފޮނުވާލި ބޯޅަަތައް އެސްޓަން ވިލާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗަކީ 1963 ވަނަ އަހަރަށް ފަހު ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ގޯލު ވަން ފުރަތަމަ ފަހަރެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗުގައި އެޑްރިއަން އަށް ހެދުނު ގޯހުން ފުރަތަމަ ގޯލު ވަން ހިސާބުން ލިވަޕޫލްގެ ޕްލޭނަށް އަސަރުކޮށްފި ކަމަށާއި އެ ހިސާބުން ކުޅުންތެރިންގެ ކޮންފިޑެންސް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

"އެސްޓަން ވިލާ އަށް މަރުހަބާ ކިޔަން ޖެހޭ. އެ މީހުން އާދަޔާހިލާފަށް މޮޅަށް ކުޅެފި. އަހަރެމެންގެ މައްސަަލަތަކުގެ ފައިދާ އެ މީހުން ނެގީ ވަރަށް ފުރިހަމަ އަށް. މިއީ އަހަރެމެން ފިލާވަޅު ނަގަން ޖެހޭ ވަގުތު. އެކަމަކު މި ވަގުތު އެސްޓަން ވިލާ އަށް މަރުހަބާ ކިޔަން،" ކްލޮޕް ބުންޏެވެ.

މިދިޔަ ސީޒަނުގައި ހަނިގޮތަކަށް ރެލިގޭޝަނުން ސަލާމަތްވި އެސްޓަން ވިލާ އިން މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން މޮޅުވިއިރު، މިއީ 1962 ވަނަ އަހަރަށް ފަހު އެ ޓީމު ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. އެސްޓަން ވިލާ އިން އެންމެ ފަހުން އެންމެ ފަހުގެ ޗެމްޕިއަނެއް ބަލިކުރީ 1998 ވަނަ އަހަރު އެވެ، އެ ފަހަރު އެ ޓީމުން ވަނީ 3-2 އިން އާސެން ވެންގާގެ އާސެނަލް ބަލިކޮށްފަ އެވެ.

މި ހަފްތާގެ މެޗުތަކަށް ފަހު ގައުމީ ޓީމުތަކުގެ މެޗުތަކަށް ލީގު މެދުކަނޑާލާނެ އެވެ. އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. ދެ ވަނައިގައި އޮތް އެސްޓަން ވިލާ އާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރު ވަނައިގައި އޮތް އާސެނަލްގެ އިތުރުން ފަސް ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން އެސްޓަން ވިލާ ނޫން ކޮންމެ ޓީމެއް ވަނީ ހަަތަރު މެޗު ކުޅެފަ އެވެ.

މި މަހު 17 ވަނަ ދުވަހު ލީގުގެ މެޗުތައް އަލުން ފަށާއިރު ލިވަޕޫލް ކުޅޭނީ އެވަޓަންއާ އެވެ. އެސްޓަން ވިލާ ބައްދަލުކުރާނީ ލެސްޓާ ސިޓީއާ އެވެ. އާސެނަލް ނުކުންނާނީ ރަށުންބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.