04 އޮކްޓޯބަރ 2020 - 22:57

މެންޗެސްޓާ (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ، މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މެންޗެސްޓާ ޔުނައިޓެޑް އަތުން 6-1 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެއްޖެ އެވެ.

މިއީ 2018 ވަނަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމާ އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ. ޓޮޓެންހަމް ކޯޗަކަށް މި ވަގުތު ހުރީ ސޯލްޝެއާ ގެންނަން ޔުނައިޓެޑުން ވަކިކުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެވެ. މިއީ ޓޮޓެންހަމާ ހަވާލުވި ފަހުން މޮރީނިއޯ ޔުނައިޓެޑް އަތުން ހޯދި ފުރަތަަމަ މޮޅެވެ. މޮރީނިއޯ ވަނީ މީގެ ކުރިން ޕޯޓޯ، ޗެލްސީ އަދި ރެއާލް މެޑްރިޑް ގޮވައިގެން ވެސް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

މިއީ ޓޮޓެންހަމް ތާރީހުގައި އެ ޓީމުން ޔުނައިޓެޑް އަތުން ހޯދި އެންމެ ބޮޑު މޮޅެވެ. ޓޮޓެންހަމް ކޯޗު މޮރީނިއޯ ބުނީ މިއީ ޓޮޓެންހަމަށް ތާރީހީ މޮޅެއް ކަމަށާއި މި މެޗުން އޭނާ އަށް މާ ބޮޑު ހާއްސަ ކަމެއް ނެތް ކަމަށެވެ.
"ބައެއް މީހުން ބުނެފާނެ އަހަރެމެން 10 ކުޅުންތެރިން ވީމައޭ މި ނަތީޖާ ނުކުތީ. އެކަމަކު 11 ހަމަކޮށް އޮތްއިރު ވެސް އަހަރެމެން އޮތީ ކުރީގައި. ރަތް ކާޑު މައްސަލައިގައި ވީއޭއާރް ގޯސްކުރެވޭނެ ކަމަށް ނުދެކެން. ވީއޭއާރްގެ ޝަކުވާއެއް ޔުނައިޓެޑަށް ކުރެވޭނެ ކަމަށް ވެސް ނުދެކެން. މިއީ ޓޮޓެންހަމަށް ލިބުނު މޮޅެއް. އަހަންނަށް ލިބުނު މޮޅެއް ނޫން،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މިރޭގެ މެޗުގައި ދެ ވަނަ މިނިޓްގައި ޔުނައިޓެޑުން ލީޑުނެގީ ބްރޫނޯ ފެނާންޑޭސް ވައްދާލި ޕެނަލްޓީންނެވެ. މިއީ ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް އޭރިއާތެރެއިން ޓޮޓެންހަމްގެ ޑެވިންސަން ސަންޗޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޔުނައިޓެޑުން ލީޑުނެގިތާ ފަސް މިނިޓް ތެރޭ ޓޮޓެންހަމް އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާނަގައި ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޓަންގުއީ އެންޑޮމްބެލޭ އެވެ. އޭގެ ތިން މިނިޓް ފަހުން ހެރީ ކޭން ދިން ބޯޅަ އަކުން ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ ސޮން ހެއުން މިން އެވެ. އަނިޔާގެ ސަބަބުން ސޮން އަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ބެލެވުނު ނަމަވެސް ވަގުތު އޮއްވައި އޭނާ ވަނީ މެޗަށް ފިޓްވެފަ އެވެ.
މެޗުގައި ޔުނައިޓެޑަށް އެންމެ ބޮޑަށް މައްސަލަ ދިމާވީ މެޗުގެ 27 ވަނަ މިނިޓްގައި މާޝިއަލް އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މާާޝިއަލް ދަނޑުން ފޮނުވާލީ ޓޮޓެންހަމްގެ އެރިކް ލަމޭލާ ގައިގައި ޖެހުމުންނެވެ. އެކަމަކު ވީޑިއޯ އިން ފެންނަ ގޮތުގައި ލަމޭލާ ވެސް ވަނީ މާޝިއަލް ގައިގައި ޖަހައިފަ އެވެ. އެކަމަކު ރެފްރީ ލަމޭލާ އަށް ކާޑެއް ނުދައްކަ އެވެ.
ޔުނައިޓެޑުން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލު ޖަހައިފަ އެވެ. ސޮން ދިން ބޯޅައަކުން ކޭން ޓޮޓެންހަމްގެ ތިން ވަނަ ގޯލު ޖެހިއިރު، ސޮން ވަނީ މެޗުގެ 37 ވަނަ މިނިޓްގައި ހަތަރު ވަނަ ލަނޑެއް އެ ޓީމަށް ކާމިޔާުބުކޮށްދީފަ އެވެ.
ދެ ވަނަ ހާފަށް ޔުނައިޓެޑުން ނުކުތީ ނަމަންޏާ މަޓިޗް އާއި ބްރޫނޯގެ ބަދަލުގައި ސްކޮޓް މެކްޓޮމިނޭ އާއި ފްރެޑް ކުޅެން އަރުވައިގެންނެވެ. ޔުނައިޓެޑުން ކުޅުން ރަނގަޅުކުރިތަނާ ޓޮޓެންހަމްގެ ފަސް ވަނަ ގޯލު ޖެހީ ސާޖް އޯރިއޭ އެވެ. ޓޮޓެންހަމްގެ ފަހު ގޯލު ޖެހީ ޕެނަލްޓީ އަކުން ކޭން އެވެ. މިއީ ޓޮޓެންހަމްގެ ބެން ޑޭވިސް އަށް ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ކޮޅަށް އެއް މެޗެއްގައި ހަ ގޯލު ވަން ތިން ވަނަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑް ކޮޅަށް ހަ ގޯލު ޖެހީ 2011 ވަނަ އަހަރު މެންޗެސްޓާ ސިޓީ އާއި 1996 ވަނަ އަހަރު ސައުތެމްޓަން އެވެ.
ލީގުގައި މިރޭ އާސެނަލް ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފަ އެވެ. އާސެނަލްގެ ގޯލުތައް ޖެހީ ބުކާޔޯ ސަކާ އާއި ނިކޮލަސް ޕެޕޭ އެވެ. ޝެފީލްޑްގެ ގޯލު ޖެހީ ސްކޮޓް މެކްގޯލްޑްރިކް އެވެ. ލެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. މިއީ މި ސީޒަނުގައި ލެސްޓާ އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ ފަހަރެވެ.