އައްޑޫން 98 ކިލޯގެ ޑްރަގްސް ހޯދައި ބޮޑުން ބަންދަށް
އައްޑޫން 98 ކިލޯގެ ޑްރަގްސް ހޯދައި ބޮޑުން ބަންދަށް

އައްޑޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

އޮޕަރޭޝަނުގައި 14 މީހަކު ހައްޔަރުކޮށްފައި ވާއިރު މިހާތަނަށް 98.6 ކިލޯގެ ޑްރަގްސް ވަނީ ހޯދައިފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސ. ހިތަދޫ ފިނިފަރު އަބްދުﷲ އިބްރާހިމް، 33، ކަމަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މީނާގެ އިތުރުން ސ. ހިތަދޫ ކޯޅި މުހައްމަދު ޔާމިން ނަސީރު، 23، ގެ މައްޗަށް ވެސް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ދީފަ އެވެ.

ދެން ހައްޔަރުކުރި މީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖިލިސް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ އަބްދުﷲ އިބްރާޙިމަކީ އެތައް ކުށެއްގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން އޭނާ މިދިޔަ އަހަރު ޖޫންގައި ވެސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ފަހު ކޯޓަށް ފޮނުވުމުން ހަމަ އެ އަހަރު ސެޕްޓެމްބަރުގައި އޭނާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށެވެ.

ކަނޑުމަތީގައި ހިންގި އޮޕަރޭޝަނަށް ފަހު އައްޑޫގެ އެކި ތަންތަން ބަލައި ފާސްކޮށްގެން ވެސް ފުލުހުން ވަނީ ޑްރަގްސް ހޯދައިފަ އެވެ. ކަނޑުމަތީ ހިންގި އޮޕަރޭޝަންގައި، މަސްތުވާތަކެތި ގެނައި މީހުން ވަނީ ފުލުހުން ފެނުމާ އެކު މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ތަކެތި ނަގައިފަ އެވެ.

މިއީ ޕާކިސްތާނުގެ އިންޓެލިޖެންސުން ދިން މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއް ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވިޔަސް ފުލުހުން ބުނީ މިކަމުގައި ދިވެހި ފުލުހުން ނޫން އެހެން ބަޔަކު ބައިވެރިނުވާ ކަމަށެވެ.