30 އޮކްޓޯބަރ 2016 - 11:08

އަންނަ ޖެނުއަރީ މަހު ވިލާ ކޮލެޖުގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
ތަފާތު ދާއިރާތަކުން ޖުމްލަ 56 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ އަންނަ ޑިސެމްބަރު 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ. އެއީ މާލޭގެ އިތުރުން ނުވަ ރަށެއްގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.
ވިލާ ކޮލެޖުގެ ކެމްޕަސް ނުހުންނަ ރަށްރަށުގައި ވެސް ކޯސްތައް ހިންގަން ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.
އަންނަ އަހަރު ވިލާ ކޮލެޖުން މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 15 ކޯހަކާއި އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަތް ކޯހެއް ކުރިއަށްގެންދާނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ ފެންވަރުގެ އަށް ކޯހެއް ހިންގަން ވެސް ވަނީ ނިންމައިފަ އެވެ.
ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
ތަފާތު ތިން ޑިސްކައުންޓް ސްކީމާ އެކު ވިލާ ކޮލެޖުގެ ސްކޮލަޝިޕަށް ކުރިމަތިލާން ވެސް ވަނީ ހުޅުވާލައިފަ އެވެ. އެއީ ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕާއި ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔެވި ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ދޭ ސްކޮލަޝިޕެވެ.